8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން: މުއިއްޒު

8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން: މުއިއްޒު

Author
އަހުމަދު
14 ނޮވެމްބަރ 2023 08:47
0

އަލަށް އުފެދޭ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ވެރިން އައްޔަން ކުރައްވާނީ ނޫސްވެރިންނަށް އެހީތެރިކަން ދެވޭނެ ގޮތަށް ކަމަށެވެ.

މުއިއްޒު ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކައެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދައުލަތުގެ މަދުވެގެން 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ، އަށް އެސްއޯއީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަންހެން ބޭފުޅުން. މިއީ މިހާތަނަށް އެންމެ ގިނަ އަދަދު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބަލާއިރު، އެއްވެސް ސަރުކާރެއްގެ ކުންފުންޏެއްގައި ދޭކަށް ވުރެ ގިނަ އަންހެނުން ވެރިންނަށް ތިއްބަވާފައެއް ނުވެއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާކަމުގެ މަގާމުގައިވެސް ހުންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަންހެން ބޭފުޅުން މަތީފަޑީގަ ޓޮޕް މެނޭޖްމަންޓުގަ އިތުރު ކުރުމަކީ އަޅުގަނޑުވީ ވައުދެއް. އެކަން ކުރަން ބޭނުންވަނީ އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގަ ފުރިހަމަ ހިއްސާ ދެވެންޖެހޭ ބައެއް ކަމުގަ އަޅުގަނޑު ގަބޫލު ކުރާތީ އަޅުގަނޑު ބޭނުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވާން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން އަންހެން ބޭފުޅުންނަށް ފަހި ފުރުސަތުތަކެއް ފަހިކޮށް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް މިފަހުން ސޯޝަލް މީޑިއަގައި ވަނީ އާންމުވެފައެވެ. އެ ލިސްޓުގައި ތިން ވުޒަރާއެއްގެ މިނިސްޓަރުންނަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.