ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެކަމަކު، އަންނަ އަހަރަށް ލަފާކޮށް، މަޖިލިހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވި އިރު، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންނާ އެކު ބޭއްވި "ނޫސްވެރިންގެ ގުންޒަރު" ހަފްލާގައި މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެވެސް ކަހަލަ އިންސައްތައެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ސީނިއާ ބައެއް ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ސީދާ ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މަޖިލިހުގެ ތެރެއިން ކުރެވޭ މަޝްވަރާތަކުގައި އެކަމުގައި ގޮތެއް ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަން ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ ބަޖެޓުގެ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްތަކެއް ކުރަން އެކަމަށް. މަސައްކަތްކޮށް ވަކި އިންސައްތައެއް ހިމެނުމަށް ރައްޔިތުންގެ މަޖިލިހުގައި އެދެން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އެކަމުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެބޭފުޅުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިއްޔާ މިފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެކަމަށް ޖާގަ އުފެދިގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމުން ދެފުށް ފެންނަ، ޒިންމާދާރު އޫސުލަކާއި ގަވައިދެއް ހަދަން ޖެހޭ ކަމަށާއި މީޑިއާތަކަށް ފައިސާ ދޭނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
One Response
މީޑިއާތަކަށް ސަރުކާރު ބަޖެޓުން ފައިސާ ދޭކަށްނުފެނޭ