ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށް އެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
ނަޝީދު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު، މިއަދު 16:00ގައި އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ފެށިގެން ދިޔައީ ކުރިޔަށެވެ. އެޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެހެންނަމަވެސް އެޖަލްސާގައިވަނީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ އިއްވާފައެވެ.
މަޖިލިހުގެ ރިޔާސަތުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ އަމަލުތަކެއް ހިންގާފައިވާކަމަށެވެ. އަދި މިމައްސަލާގައި ސުޕްރިމް ކޯޓުގެ އަމަލާއި ބަސް ދިމާނުވިކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވެފައިވަނީ ދެން މަޖިލިހުގެ ރައީސްކަމުގައި ދެމިހުރެއްޖެނަމަ މެޖޯރިޓީ ޕާޓީން މަޖިލިހަށް ދޭ ގެއްލުން ބޮޑުވާނެއްކަމަށެވެ.
ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ރައްޔުތުންގެ މަސްލަހަތަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެމި ތިއްބަވާނެކަމަށް އަޅުގަޑު އުއްމީދު ކުރަމެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު އަދާކުރުމަށް ލިބުނު ފުރުސަތަށްޓަކާ އަޅުގަޑު ފަޚުރުވެރިވަމެވެ. އަދި އަޅުގަޑުގެ އިސްތިއުފާއަކީ އަޅުގަޑުމެންގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމެޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް އުއްމީދު ކުރަމެވެ.
ނަޝީދު އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ