ޔާމިންގެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު

ޔާމިންގެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު

ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތު ނަގާ، އަދި މަނީ ލޯންޑަރ ކޮށްފައިވާކަމުގެ ތުހުމަތުގައި ޔާމިންގެ މައްޗަށް ކޮށްފައިވާ 11 އަަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.

ހައިކޯޓުގައި ކުރިޔަށްދާ މި އަޑުއެހުން ތާވަލް ކޮށްފައިވަނީ މިއަދު މެންދުފަހު 2:00 އަށެވެ. މިއީ ފާއިތުވި ރިޔާސީ އިންތިޚާބު ނިމުނުފަހުން ބާއްވާ މި ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ. މިމައްސަލާގެ ބައެއް އަޑުއެހުންތައް ފަހަކަށް އައިސް ވަނީ ކެންސަލް ވެގެން ގޮސްފައެވެ.

އެންމެފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޔާމިން ވިދާޅުވީ ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި، ޝަރީއަތުގެ މި އަޑުއެހުމުގައި ޔާމިން ވިދާޅުވީ ރަށެއް ބޭނުންވެގެން ޔޫސުފް ނައީމް އުޅުއްވިކަމެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ރަށްތަކާއި ފަޅުތައް ލިބެނީ ކޮންބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާ ކަމުގައެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މުއާމަލާތުގެ މައްސަލާގައި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްއެވެ.

އެހެންނަމަވެސް ވ.އާރަށު މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުން ފާއިތުވި ހަފްތާގައި ނިންމާފައިވަނީ އާރަށް މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *