މި މަހުގެ 16ގެ ކުރިން ގެންނަން އަމާޒުހިފި 1 ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ!

މި މަހުގެ 16ގެ ކުރިން ގެންނަން އަމާޒުހިފި 1 ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ!

Author
ޢަލީ އާދަމް
11 ޑިސެމްބަރ 2020 02:14
0

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަންނަ 100،000 ވަނަ ފަތުރުވެރިޔާ އަށް މާދަމާ ހެނދުނު މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 100،000 އަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލާފާކޮށްފައިވަނި މިމަހުގެ 16 ވަނަދުވަހުގެ ކުރިންނެވެ. މާދަމާ މި ޓާގެޓަށް ވާސިލުވުމާއެކު، މުޅި އަހަރުގެ ތެރޭ 500000 ފަތުރުވެރިން ގެނައުމުގެ ޓާގެޓުވެސް، އަމާޒު ހިފާފައިވާ މުއްދަތުގެ ކުރިން ހާސިލްވާނެކަމަށް މިހާރު މިވަނީ ޔަގީން ކުރެވިފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 94،543 ފަތުރުވެރިން މިހާރު ވަނީ އައިސްފަ އެވެ. މި އަދަދާއެކު މުޅި އަހަރު ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ ބުދަ ދުވަހުގެ ނިޔަލަށް 477،390 އެވެ. އަދި މިހާރަކަށް އައިސް ދުވާލަކު 2000 އާއި 3000 އާ ދެމެދުގެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ދަނީ ޒިޔާރަތް ކުރަމުން ނެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރައްވައެވެ.

ޗުއްޓީ ހޭދަކޮށްފައި އެނބުރި ދާ ފަތުރުވެރިން ތަކަކަށް އަލްވަދާއު ކިޔަނީ – ފައިލް ފޮޓޯ: ލަކްސް މޯލްޑިވްސް

ރާއްޖޭގެ އަންނަ ފަތުރުވެން އިތުރުވުމުގެ އެންމެ ބޮޑުއެއް ސަބަބަކީ، މި ދަނޑިވަޅުގައި ޗުއްޓީހޭދަކޮށްލަން އެންމެ ރައްކާތެރި މާހައުލެއް އޮތް މަންޒިލަކީ ރާއްޖެ ކަމުގައި ވުމާއި، އެފަދަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރު އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަށް ރާއްޖެއަށް މިދަނޑިވަޅުގައި ލިބުމަކީވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާ އެއް ސަބަބެވެ.

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އިތުރުވެފައި ވާއިރު ފަތުރުވެރިންނަށް ހިދުމަތްދޭ ގިނަ ފެސިލިޓީ ތަކެއް ވެސްމިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސް ހޮޓެލް ތަކުގެ އިތުރުން ސަފާރީތައް ހިމެނޭގޮތަށް 407 ފެސިލިޓީއެއް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާތަނެއްގައި 36،750 ޓޫރިސްޓް އެނދުން ހިދުމަތް ދެވޭފެންވަރަށް މިހާރު އެތަންތަން ވަނީ ތައްޔާރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.