ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމުގެ މައްސަލަ އަނެއްކާވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މާދަމާގެ ޖަލްސާގެ އަޖެންޑާ ރައްޔިތުންގެ މަޖިލިހުން އާންމު ކުރިއިރު، މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވި ގޮތަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ މަޖެޓް ހުށަހެޅުމަށް އެޖެންޑާއި ހިމަނާފައެއް ނުވެއެވެ.
މަޖިލިސް އިދާރާއިން ނެރުނު އެޖެންޑާގައި ވާގޮތުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮއްފައިވަނީ ނަޝީދު، މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީއިން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތެވެ. އެހެންނަމަވެސް ނަޝީދު މިއަދު އަމީން އާންމަށް ފޮނުވި ސިޓީގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްދިނުމަށް އެދިފައެވެ.
ނަޝީދުގެ ސޓީގައި އެދިފައިވަނީ، ގާނޫނުގައި ބުނާ ތާރީޚަށްވުރެ ބަޖެޓް ހުށަހެޅުން މިހާރުވެސް ލަސްވެފައި ވުމާއެކު، ސުޕްރިމް ކޯޓުގެ ހުކުމުގައިވެސް ބަޖެޓް ލަސްކުރެވެން ނޯންނާނެކަމަށް ބަޔާން ކޮށްފައިވާތީވެ، ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް ޖަލްސާއަކަށް ބަޖެޓް ހުށަހެޅޭނެ ގޮތް ހައްދަވާ ދެއްވުމަށެވެ.
މާދަމާގެ ޖަލްސާއަށް އަނެއްކާވެސް ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމަނިކުފާނު ރިޔާސަތުން ދުރުކުރުމަށް މިއަދު ދެފަހަަރަސް ޖަލްސާ ބާއްވައިގެންވެސް މަޖިލިހުގެ ރިޔާސަތުން އެމައްސަލަ ކުރިޔަށް ނުގެންދިއުމުން، ޖަލްސާއަށް ބަންޑާރަނައިބުގެ ލަފައަކަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން މިހާރުވަނީ އެދިފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އޭޖީގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުން ވަކިކުރުމަށް މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަސްލަހަތު ފުށުއަރާތީ، މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
މަޖިލިސް ރައީސް މަގާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ކުރިޔަށް ނުގެންދެވިގެން އުޅޭއިރު، އެމްޑީޕީން މިހާރުވަނީ މަލިސް ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން ބޭނުންވާވަރަށް ސޮއި ހަމަކޮށްފައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އީވާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ 22 މެމްބަރަކު މިހާރު ސޮއި ހަމަކޮށްފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ އިވާ ވަކިކުރުމަށް ސޮއި ހަމަކުރަން ފަށާފައިވަނި ބައެއް މެމްބަރުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށާއި، އެކަމާއި ގުޅުންހުރި އިތުރު މައުލޫމާތު އަދި ހާމަކުރައްވާނެ ކަމުގައެވެ.