އަޅުގަނޑުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތެއް ނުދޭނެ، ނަތީޖާ ނެރެދޭނެ: ޑރ. މުއިއްޒު

އަޅުގަނޑުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތެއް ނުދޭނެ، ނަތީޖާ ނެރެދޭނެ: ޑރ. މުއިއްޒު

ވެރިކަމާއި ހަވާލުވެ އެކުލަވާލާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނީ އިހުލާސްތެރި ކަމާއިއެކުގައި ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމައި ހުކުރު ދުވަހު ހަވާލުވެ ވަޑައިގަންނަވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އިހުލާސްތެރި ކަމާއިއެކު ފުއްދާ ސަރުކާރަކަށް ކަމުގައެވެ. ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީން މަސައްކަތް ކުރައްވާނީ ނަތީޖާނެރެ ރައްޔިތުން ޚިދުމަތް ކުރެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއްވެސް ބޭފުޅަކީ ކޮރަޕްޝަނަށް ޖާގަދީ އެކަންކަމަށް ފުރުސަތު ނުދެއްވާނެ ބޭފުޅުންކަން ކަށަވަރުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުން އަޅުގަނޑުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައިވެސް ނޫނެކޭ ބުނާނަން މިސަރުކާރުން. ކެބިނެޓްގެ މެމްބަރެއްވިޔަސް، އެމްޑީއެއް ވިޔަސް ފުރުސަތެއް ނުދެއްވާނެ. އަޅުގަނޑަށް ޔަގީން އަޅުގަނޑު މިނަގާފައިވާ އެއްވެސް ބޭފުޅަކު މިކަމަކަށް، ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ.

– އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރާއިރު ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން އަބަދުވެސް ކަމުގެ ހަގީގަތް ބެއްލެވުމަކީ މުހިންމު ކަމެއްކަމަށާއި، ޚިދުމަތް ދިނުމުގައިވެސް އަދި ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމުގައިވެސް ނުތަނަވަސްކަން ހުންނަ ކަންކަން ބަލައިގަނެ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސާފު ދެފުށްފެންނަ ހިންގުންތެރި ޤާބިލް ސަރުކާރެއް އެކުލަވާލުމުގެ ވިސްނުމުގަ އަޅުގަނޑު ޓީމު ނަގާފައި އޮންނާނީ. ދެން އޮޕީނިއަން މޭކް ކުރެވިދާނެ. އަޅުގަނޑު އެދެނީވެސް އެބޭފުޅަކަށް ފެންނަ ޚިޔާލެއް ހަމަ ފާޅު ކުރައްވަން. ކަންކަމުގެ ހަގީގަތް ބެލުން ވަރަށް މުހިންމުވާނެ. ހަގީގަތާއި އެއްގޮތަށް ކުރިއަށް ދިޔާމަ ރަނގަޅުވާނެ. އެއީ އަޅުގަނޑު ބޭނުން ޤައުމަށް ހަމަޖެހުން އަންނަން. ޑެލިވަރީގަ ނަތީޖާ ނެރެ ދިނުމުގަ އެއްވެސް ބޭފުޅަކު ފެއިލްވާކަމުގައިވަންޏާ، އެއީ ހަމަ ގައިމުވެސް އަޅުގަނޑު އަޑުއަހާނެ ކަމެއް. އެކަމު އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އޮންނާނެ.

– އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރަކީ މަތިބަރު އަދި ސިޔާސީ މީހުންނަށް ކުރާ ޚަރަދު ކުޑަކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރުވިޔަ ނުދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ތަކުރާރު ކުރައްވަފައެވެ. އަދި އެމަނިކުފާނު އިތުރު ވުޒާތާރަކެއް އުފެއްދެވި ނަމަވެސް ދައުލަތުގެ ބަޖެޓުން އޮފީސްތަކެއް ހިންގުމަށް އިތުރު އިމާރާތްތައް ކުއްޔަށް ހިފައި ޚަރަދުތަކެއް ނުކުރައްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒަކީ ނަތީޖާ ނެރުންކަމަށާއި، މުޅި ކެބިނެޓާއި، މުޅި ސަރުކާރު ވެގެންދާނީ ސައުވީސް ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔަކަށް ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ. އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *