މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ސަރުކާރުން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކާނީ ދައުލަތުން ބޮޑު ހަރަދެއް ނުދާ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހައްލު ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ މި މަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އެންމެ ފުރަތަމަ މަސައްކަތް ފަށައިގަންނަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މާނައަކީ އެ ތަން ހިއްކާނެ ބަޔަކު ހޯދުމާއި އީއައިއޭ އާ މިހެން ގޮސް ހުރިހާ މަސައްކަތްތަކެއް ފަށައިގަނެ، މަދުވެގެން 30 ދުވަސްތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށާނަން. އެއީ ޓާގެޓަކީ. ހިއްކަން ފަށައި ދެން އެ ދާ ގޮތަށް ގާތްގަނޑަކަށް އަށެއްކަ މަސް ތެރޭގައި، ދިހަ ވަރަކަށް މަސް ތެރޭގައި އެ ތަން އެއްކޮށް ހިއްކާ ނިންމޭނެ ކަމަށް މި ބަލަނީ އެންމެ ލަސްވެގެން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ތަން ހިއްކުމުގެ މަސައްކަތްޕުޅު ކުރައްވާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ގެނެސްގެންނެވެ.
"އިގްތިސާދު އޮތް ހާލަތު އެނގޭ. ދައުލަތުން ފުރަތަމަ މާ ބޮޑު އެއްޗެއް ހަރަދު ކުރަން ނުޖެހޭ އަދި ފަހުން ވެސް މާ ބޮޑު އެއްޗެއް ހަރަދު ކުރަން ނުޖެހޭ ފޯމިއުލާއެއް އިރާދަކުރެއްވިއްޔާ ނެރެން މަސައްކަތް ކުރާނަން،"
މުއިއްޒު ވިދާޅުވީ އެ ތަން ހިއްކުމަށް ފަހު، ރިވެޓްމަންޓް ޖަހައި އެ ތަނަށް ގެންނަން ޖެހޭ އިންވެސްޓްމަންޓުތައް ވެސް ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކަށް ވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް މަސައްކަތް ނިންމުމެވެ. އެއާ ޖެހިގެން ދެވަނަ އަށް އެންމެ އިސްކަމެއް ދެއްވާނީ ފުށިދިއްގަރު ފަޅު ހިއްކުން ކަމަށް ވިދާޅުވިއެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާ މަޝްރޫއެވެ.
ފުށިދިއްގަރާއި، ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. ފުށިދިއްގަރު ފަޅުން ހިއްކުމަށް ނިންމާފައި ވަނީ 1280 ހެކްޓަރުގެ ބިމެވެ.
އަދި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ލަފާގެ މަތިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.