ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ގައުމަށް ފޮނުވާލައިފި

ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ގައުމަށް ފޮނުވާލައިފި

Author
އަހުމަދު
11 ނޮވެމްބަރ 2023 06:38
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި އިންޑިއާގެ މަސްވެރިން މިއަދު ގައުމަށް ފޮނުވާލައިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެމިލް ނާޑޫގެ އަށް މަސްވެރިން އިންޑިއާ އަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅިކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. ހައި ކޮމިޝަނުން ވަނީ އެ އަށް މަސްވެރިންގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.

އެ ބޯޓު، އެމްއެންޑީއެފް އިން އަތުލައިގަތީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެ ބޯޓު ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމުން ނޫނީ ނުފުރޭނެ ކަން ވެސް އަންގައިފައެވެ.

"ދަ ހިންދޫ" އިން ބުނި ގޮތުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ބޯޓު 42،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް މި މަހުގެ އެއް ވަނަ ދުވަހު އަންގައިފައެވެ.

މި މަސްވެރިން ދޫކޮށްލާފައި މިވަނީ އެމީހުން މިނިވަން ކުރަން ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައްވާފައި ވަނިކޮށެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ، ޖައިޝަންކަރް މިކަމުގެ ތެރެއަށް ވަދެ، އެ މަސްވެރިން ދޫކޮށްލުމަށް މަސައްކަތްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.

ސްޓާލިން ވިދާޅުވީ މިދިޔަ މަހު ފުރަތަމަ ދުވަހު މަހަށް ފުރި އެ ބޯޓުން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ އުޅަނދުން ރާއްޖޭގެ ބޯޑަރު ތެރެއަށް ނުވަންނަ ކަމަށެވެ. އަދި ޖައިޝަންކަރް މަސައްކަތް ކުރައްވައިފި ނަމަ، އެ މަސްވެރިން މިނިވަން ވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.