ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާން، އެންމެ ގިނަ ރޭ ނިދިން މަހްރޫމްވާން މަޖުބޫރުވި ހާލަތު: ރައީސް

ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާން، އެންމެ ގިނަ ރޭ ނިދިން މަހްރޫމްވާން މަޖުބޫރުވި ހާލަތު: ރައީސް

Author
އައިޝަތު އަޙްމަދު
11 ނޮވެމްބަރ 2023 10:53
0

ކޯވިޑް-19 އަކީ އެމަނިކުފާނުގެ ހަޔާތުގެ އިމްތިހާންކަމަށާއި، އެއީ އެންމެ ގިނަ ރޭ ނިދިން މަހްރޫމްވާން މަޖުބޫރުވި ހާލަތުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، 2020 ވަނަ އަހަރު ފެށުމާއެކު ކުރިމަތިލާންޖެހުނީ އާލަމީ ބަލިމަޑުކަމާކަމަށެވެ. ދުނިޔެއަށް އެރި ހުއްޓުން ރާއްޖޭގެ ބޯޑަރު ބަންދުކުރުން ނޫންގޮތެއް ނެތިގެން ދިޔަކަމށާއި، ފަތުރުވެރިންގެ ބަދަލުގައި ރިސޯޓުތަކަށް އުފުލަންޖެހުނީ ރެޔާ ދުވާލު ނުރައްކަލަށް ހުށައެޅުނު މީހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްތައް ތަޅުލެވި މަގުތައް ފަޅުވެ ވިޔަފާރިއާ ޢާންމުން ހޭލަމޭލުވުން ހުއްޓުނުކަމަށާއި، ޢާމްދަނީގެ ގޮތުން އަތްފައި ބަނދެވި ޤައުމު ފުރަބަންދުވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާ ބޭހާ ތެޔޮ ދަތިނުވެ ލިބޭނެ ގޮތް ކަށަވަރު ކުރެވުނުކަމަށާއި، ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުއތައް ހުއްޓާނުލާ ކުރިއަށްދާނެގޮތް ހޯދިކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން އެހެން ޤައުމުތަކުގައި ޕައިލެޓުން ތިބެންޖެހުނީ ގޭގަ. ޕީޕީއީގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާ ވެކްސިން އަދި ބަލިމީހުން ގޮވައިގެން ކޯވިޑް-19 އަށްވުރެ އަވަދިނެތި އުދުހުމުގައި. ދޭސީއެއް ބިދޭސީއެއް މިކަމުގައި ތަފާތެއް ނުކުރަން އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓްކުރި ދުނިޔޭގެ މަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރި.

– ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދެވުނުކަމަށާއި، ވަޒީފާ ގެއްލި ޢާމްދަނީ ނާޒުކު ހާލަތަށް ދިޔަ އަމިއްލަ މީހުންނާ ވިޔަފާރިތަކަށް ސަރުކާރުން އެހީ ދެވުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބިލް ނުދެއްކިގެން ކަރަންޓާ ފެން ނުލިބިގެން އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރުކުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ބޭހެއް ވެކްސިނެއް ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެއަހަރަށް ދެމިގެންދިޔަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއްޤައުމަކީ ރާއްޖެކަމަށެވެ. ފަތުރުވެރިކަމާ އިޤްތިޞާދު އިހުހުރި ހިސާބަށް ރުޖޫއަވުމުގައި ލިބުނު ކާމިޔާބު ބޮޑުކަމަށްވެސް ރައީސް ވިދާޅުވިއެވެ

ރައްޔިތުންނާ ރާއްޖެ ސަލާމަތްކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާން. އެންމެ ގިނަ ރޭ ނިދިން އަޅުގަނޑު މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ އެއީ. އެހެންނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހްމަތްފުޅު ކިތަންމެހާވެސް ތަނަވަސް. ކޯވިޑް-19އަކީ ޢާންމުކޮށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ޤުރުބާނީ ޤައުމަށް ވެދުންކުރި ކާރިސާ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭޣެ ސިއްޙީ ޚިދުމަތްތެރިންނާ ސިފައިނާ ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ޤައުމަކުން ފެންނާނެ އެންމެ ރީތި މިސާލު.

– ރައީސް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.