އެލޮން މަސްކުގެ، ސްޓާރލިންކް ހައި ސްޕީޑް އިންޓަރނެޓް ޚިދުމަތް ރާއްޖޭގައި ދޭން ފަށައިފި

އެލޮން މަސްކުގެ، ސްޓާރލިންކް ހައި ސްޕީޑް އިންޓަރނެޓް ޚިދުމަތް ރާއްޖޭގައި ދޭން ފަށައިފި

Author
ހުސެއިން
10 ނޮވެމްބަރ 2023 03:26
0

ދުނިޔޭގެ އެކި ގައުމުތަކުގައި ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ދެމުންދާ "ސްޓާލިންކް"އިން ރާއްޖޭގައި އިންޓަރނެޓް ޚިދުމަތް ދޭން ފަށައިފިއެވެ. ސްޓާލިންކުގެ ވެރިޔާއަކީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އެލޮން މަސްކުއެވެ.

"ސްޓާލިންކް" ކުންފުނީގެ ވެބްސައިޓުގައި ވާގޮތުން 200 އެމްބީޕީއެސްއާއި ހަމަޔަށް އެކުންފުނީގެ އިންޓަރނެޓް ޚިދުމަތް ލިބެމުން ދާނެއެވެ. މި ސްޕީޑުގައި ޚިދުމަތް ހޯދުމަށް ޚަރަދު ވާނީ ގާތްގަޑަކަށް 1،000 ރުފިޔާއެވެ.

މި ޚިދުމަތް ހޯދުމަށް ބޭނުންވާ ހާޑްވެއަރ ޑިވައިސް ހޯދުމަށް އެކުންފުނީގެ ވެބްސައިޓުން ޕްރީ އޯޑަރ ކުރި ފަރާތްތަކަށް އޯޑަރ ކަށަވަރުވިކަން އީމެއިލް މެދުވެރިކޮށް އެފަރާތަކަށް އަންގާފައި ވެއެވެ.

ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ދެ ހަފްތާ ތެރޭގައި ޕެކޭޖް ޝިޕް ކޮށްދެއެވެ. ޕެކޭޖްގެ ތެރޭގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. ޕެކޭޖްގެ އަގަކީ ޝިޕިންއާއެކު 10،300 ރުފިޔާއެވެ.

ސްޓާލިންކުގެ ޚިދުމަތް ރާއްޖެއަށް ލިބެން ފެށުމާއި ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރ އައިޝަތު ޝައުނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިޚިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ވަރަށް ތަފާތު ޚިދުމަތެއް ކަމަށާއި، ސެޓްލައިޓް ޓެކްޓޮލޮޖީގެ ފައިދާ ލިބިގަންނަން ބޭނުންވާ ކަަމަށެވެ. އަދި އޭނާ ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށް މި ޚިދުމަތް ވަކީން މުހިންމު ކަމަށެވެ.

ރާއްޖެ ހިމެނިގެންދަނީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމު ކަމުގައެވެ. އެ ކުންފުންޏަށް ރާއްޖެއިން ލައިސަންސް ދޫކުރީ ފާއިތުވި އޮގަސްޓުމަހުއެވެ.

ސްޓާރލިންކުން މިހާރުވެސް ދަނީ ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމަށް އެކުންފުނީގެ އިންޓަރނެޓް ޚިދުމަތް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.