ފާއިތުވި ސެޕްޓެމްބަރު މަހު އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތައް ދިރާސާކުރުމަށް ފަހު އެ ކޮމިޝަނުން ބައެއް ދާއިރާތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނައުމަށް ނިންމި ބައެއް ދާއިތާކުގެ ތެރޭގައި، ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި، އެހެން ހުރިހާ އެންމެން ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އަށް ބަދަލުކުރުން ބަދަލުކުރުން ހިމެނެއެވެ.
އޭގެ އިތުރުން ލ. އަތޮޅު، ލ. ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އެރަށް އިސްދޫ ދާއިރާއަށް ބަދަލުކުރުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ ގދ. އަދި ގއ. ގެ ބައެއް ދާއިރާތަކަށްވެސް ބަދަލުތައް ގެނައުމަށް ނިންމާފައެވެ. އެއީ މި ދެއަތޮޅުގެ 3 ދާއިރާއަކަށް އާބާދީ ހަމަ ކުރުމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިލިނގިލި ދާއިރާ: ގއ. ވިލިނގިލި ކަމުގައި ހަމަޖައްސާ، ދާންދޫ ދާއިރާ އަކީ ގއ. ނިލަންދޫ، ގއ. ދާންދޫ، ގއ. ކޮނޑޭ ކަމުގައި ހަމަޖެއްސުމެވެ. ވަގުތީ ރިިޕޯޓުގައި އެ ދާއިރާގައި ގއ. މާމެންދޫ އޮތެވެ.
އަދި ގެމަނަފުށި ދާއިރާ އަކީ ގއ. ގެމަނަފުށި، ގއ. ކަނޑުހުޅުދޫ، ގއ. ދެއްވަދޫ ކަމުގައި ހަމަޖެއްސުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވެއެވެ. ވަގުތީ ރިިޕޯޓުގައި އެ ދާއިރާގައި ގއ. ކޮނޑޭ އޮތެވެ.
ހަމަ އެއާއެކު ކޮލަމާފުށި ދާއިރާ އަކީ ގއ. ކޮލަމާފުށި، ގއ. މާމެންދޫ ކަމުގައި އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. ވަގުތީ ރިިޕޯޓުގައި އެ ދާއިރާގައި ކުރިން އޮތީ ގއ. ދެއްވަދޫއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓު މި މަހުގެ ނިޔަލަށް އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއަށްފަހު ހިންނަމަ ނުޖެހޭކަމެއް އޮތްނަމަ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އިލެކްޝަންސްއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ