މަޖިލިސް ރިޔާސަތުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ބައިންދައިންގެ ކުރާ އެއްވެސް މަސައްކަތަކަށްވެސް، އަދި އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަކަށްވެސް އެމްޑީޕީގެ ތާއީދު ނުލިބޭނެކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، ރައްޔިތުންގެ މަޖިލުހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހުން ހުއްޓުވާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައިވަނިކޮށްވެސް، ކުރިޔަށް އޮތް 7 ދުވަހު މަޖިލިސް ރިޔާސަތު ދޫނުކުރައްވާނެކަމަށް ވިދާޅުވެ ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅޭގޮތުން އޮންލައިން މީޑިއާއަކާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ނަޝީދު ބައިންދައިގެން ކުރާ ހުވަޔަކަށް އެމްޑީޕީގެ ތާއީދު ނުލިބޭ ތާގަ، އެހުވަޔަކަށްފަހު ދެން ކުރާންޖެހޭ މަސައްކަތްތަކަށްވެސް އެމްޑީޕީގެ ތައީދު ނުލިބޭނެ ކަމުގައެވެ.
އަދިވެސް އެ ވިދާޅުވަނީ ނޫނެކޭ. ދެން އަޅުގަޑު ތިކަމުގަ ދަންނަވާލަން އޮތް ވާހަކައަކީ ހަމަ މިއީ އިނގޭތޯ. ރައީސް ނަޝީދު ބައިންދައިގެން، މަޖިލިހުގެ ރިޔާސަތެއްގަ ރައީސް ނަޝީދު ބައިންދައިގެން އަދި ކޮންމެ… ކުރާ އެއްވެސްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އެއްވެސް ތަރުހީބެއް ނުލިބޭނެ. އަޅުގަޑުމެންގެ އެއްވެސް ކަހަލަ ސަޕޯޓެއް އޭގަ ނުލިބޭނެ، އޭގެ އިތުރަށް އަދި އެކަމާއި ގުޅިގެން ދެން އަންނަ އެއްވެސް ކަމެއްގަވެސް އަޅުގަޑުމެންނަކަށް އެކަމުގަ އެއްވެސް ކަހަލަ ސަޕޯޓެއް އަޅުގަޑުމެން ނުދޭނަން. ވަރަށް ސާފުކޮށް މިދެންނެވީ، ރައީސް ނަޝީދު ބައިންދައިގެން ޑރ. މުއިއްޒު ހުވާކުރައްވަންޏާ އަޅުގަޑުމެންގެ ތާއީދަކާއި އަޅުގަޑުމެންގެ ރުހުމެއް އެހުވަޔަކަށް ނުލިބޭނެއޭ އެ ޖަލްސާއަކަށް. އަދި އޭގެ ފަހުން އެހުވާ ކުރައްވައިގެން ސަރުކާރުން ކުރާ ކަންކަމަކަށްވެސް އަޅުގަޑުމެންގެ އެއްވެސް ކަހަލަ ތަރުހީބެއް ނުލިބޭނެ.
އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ ރިޔާސަތެއްގައި ކުރާ ޖަލްސާއަށް އެމްޑީޕީގެ ތާއީދު ނުލިބޭނެކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، މިމައްސަލާގައި ސުޕްރިމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، މަޖިލިހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ އާ ރައީސް ހުވާކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.
ސުޕްރިމް ކޯޓުގެ އިއްޔެގެ ހުކުމަށްފަހު ނަޝީދު ވިދާޅުވެފައިވަނީ ސުޕްރިމް ކޯޓުގެ ހުކުމް 5 ދުވަސް ދީފިކަމަށާއި، މަޖިލުހުވެ ރިޔާސަތު ދޫނުކޮށް އިތުރު 7 ދުވަހު ހިފަހައްޓާލެވިދާނެ ކަމުގައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން އިއްޔެ ހުކުމް ކުރުމާއެކު، ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ރައްޔިތުންގެ މަޖިލިހުން މިހާރުވަނީ އަނެއްކާވެސް އެޖެންޑާ ކޮށްފައެވެ.
މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށެވެ. މިކަން މަޖިލިހުގެ އިދާރާއިން ވަނީ ޔަގީން ކޮށްދީފައެވެ.
އެމްޑީޕީން މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއެކުވެސް ރިޔާސަތުން ދޫކުރުމަށް ނަޝީދު ދެކޮޅު ހެއްދުމާއެކު އެމައްސަލަ އެމްޑީޕީން ދެން ހުށަހެޅީ ސުޕްރިމް ކޯޓަށެވެ.
މިމައްސަލާގައި މިއަދު ސުޕްރިމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހަސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ