އެމްޑީޕީގެ ރޭވުން ވީ ފެއިލް: ނަޝީދު

އެމްޑީޕީގެ ރޭވުން ވީ ފެއިލް: ނަޝީދު

Author
ހުސެއިން
09 ނޮވެމްބަރ 2023 08:29
0

މިހާރު މަޖިލިހަށް ހުށަހެޅިފައިވާ، ރައްޔިތުންގެ މަޖިލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން މިއަދު ހުކުމް ކުރުމާއެކު، ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ރައްޔިތުންގެ މަޖިލިހުން އެޖެންޑާ ކޮށްފައި ވަނިކޮށް، އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީ ފެއިލް ވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށެވެ. މިކަން މަޖިލިހުގެ އިދާރާއިން ވަނީ ޔަގީން ކޮށްދީފައެވެ.

އެމްޑީޕީން މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއެކުވެސް ރިޔާސަތުން ދޫކުރުމަށް ނަޝީދު ދެކޮޅު ހެއްދުމާއެކު އެމައްސަލަ އެމްޑީޕީން ދެން ހުށަހެޅީ ސުޕްރިމް ކޯޓަށެވެ.

މިމައްސަލާގައި މިއަދު ސުޕްރިމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ ޖަލްސާތައް ހުއްޓުވާފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް މިއަދު ސުޕްރިމް ކޯޓުން ހުކުމް ކުރުމާއެކު ނަޝީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކާ ހަމްދު ކުރާ ކަމުގައެވެ.
އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވިކަމަށް ޓަކައި މާތް ﷲއަށް ހަމްދުކުރަން. ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހަގީގީ މަގުސަދަކީ އާ ރައީސް ހުވާކުރުމުގެ ޖަލްސާ ހުއްޓުވުން ކަމަށާއި، ސުޕްރިމް ކޯޓުގެ ހުކުމާއެކު ހުވާ ކުރެއްވުމުގެ ކަންކަން ރީތިކޮށް ކުރިޔަށް ދާނޭ ކަމުގައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅުވައިގެން މަޖިލިހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ވިދާޅުވަމުން، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހަސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރިއެވެ.

ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި ކަންކަން:

– ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ މައްސަލައެއް
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު، ނައިބު ރައީސް ނެތަސް ގެންދެވޭނެ
– ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތަކު ވެސް ހިނގާނެ މާއްދާއެއް
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން ނުގެންދެވެނީ ބަހުސްއާއި ކަމެއް ފާސްކުރުން
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެ

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާދަމް
މިލިޔުމު ގައި "ﷲ" މިލަފުޒު ލިޔެފައި ނެތުމުން ވަރަށްބޮޑު ސުވާލެއް އުފެދެއެވެ.