އަދި 7 ދުވަހަށް ރިޔާސަތު ދޫނުކޮށް ހިފަހައްޓާލެވޭނެ: ނަޝީދު

އަދި 7 ދުވަހަށް ރިޔާސަތު ދޫނުކޮށް ހިފަހައްޓާލެވޭނެ: ނަޝީދު

Author
ހުސެއިން
09 ނޮވެމްބަރ 2023 08:07
0

ސުޕްރިމް ކޯޓުގެ ހުކުމު އޮތީ އަދި 7 ދުވަހަށް މަޖިލިސް ރިޔާސަތު ދޫނުކޮށް ހިފަހައްޓާލެވޭ ގޮތަށްކަމަށާއި، ސުޕްރިމް ކޯޓުން އެއްކޮޅަށް ކުޅެދީފައިވާކަމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް މިއަދު ސުޕްރިމް ކޯޓުން ހުކުމް ކުރުމާއެކު، މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ކުރި މެސެޖުގައި "ވައްޑޭ"އަށް އިޝާރާތްކޮށް ނަޝީދު ވިދާޅުވެފައިވަނީ "ހުކުމްގަ އޮތީ 7 ދުވަހު ހިފަހައްޓާޝޯ" ކަމަށެވެ.

ހުކުމްގަ އޮތީ 7 ދުވަހު ހިފަހައްޓާޝޯ. ސުޕްރިމް ކޯޓުންވެސް 5 ދުވަހު ކުޅޭ ދީފީމޯ. ވަރަށް ފަސޭހަ ވާނެ. އެމްޑީޕީންވެސް މިހާރު މިކަމުގައި އުޅޭނީ ގިނަވެގެން 8 މެމްބަރުން.

ސުޕްރިމް ކޯޓުގެ ޝަރީއަތުގެ މަރުހަލާގައި 5 ދުވަސް ހޭދަވެއްޖެ ކަމަށާއި، އާ ރައީސް ހުވާކުރުމާއި ހަމައަށް ދެން އޮތް 7 ދުވަހު، މަގާމުގައި އިނދެވޭނެކަމަށް މޭރުން ކުރައްވަމުން ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު ވަޓްސްއަޕް ގުރޫޕަށް ކޮށްފަ ހުރި މެސެޖްތަކަށް ބަލާއިރު، ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށް މޭރުންކޮށްވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަޝީދުވަނީ ހުކުމް އިއްވީ ހިސާބު އަކުރުންތޯ ސުވާލުކޮށް، "ލިޔަން ކިޔަން އެނެގޭ މީހަކު އެއްޗެއް ވިދާޅުނުވޭ ތޯ" ވެސް އައްސަވާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން މިއަދު ހުކުމް ކުރުމާއެކު، ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ރައްޔިތުންގެ މަޖިލިހުން އެޖެންޑާ ކޮށްފައެވެ.

މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށެވެ. މިކަން މަޖިލިހުގެ އިދާރާއިން ވަނީ ޔަގީން ކޮށްދީފައެވެ.

އެމްޑީޕީން މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއެކުވެސް ރިޔާސަތުން ދޫކުރުމަށް ނަޝީދު ދެކޮޅު ހެއްދުމާއެކު އެމައްސަލަ އެމްޑީޕީން ދެން ހުށަހެޅީ ސުޕްރިމް ކޯޓަށެވެ.

މިމައްސަލާގައި މިއަދު ސުޕްރިމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހަސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރިއެވެ.

ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި ކަންކަން:

– ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ މައްސަލައެއް
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު، ނައިބު ރައީސް ނެތަސް ގެންދެވޭނެ
– ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތަކު ވެސް ހިނގާނެ މާއްދާއެއް
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން ނުގެންދެވެނީ ބަހުސްއާއި ކަމެއް ފާސްކުރުން
– މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެ

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.