އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސަރުކާރު އެކުލަވާލައްވަމުން ގެންދަވާއިރު، ސަރުކާރުން ކުރިޔަށް ގެންދަވާ ތަރައްގީގެ އެންމެ މުހިންމު މަޝްރޫއުތައް ކުރިޔަށް ގެންދަވާ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯގެ މަގާމަށް، ރައްޔިތުންގެ މަޖިލިހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން ހަމަޖައްސަވަން ނިންމަވާފައިވާކަމަށް، އިތުބާރު ހުރިގޮތަކަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް މުބީން ހަމަޖައްސަވަން ނިންމަވާފައިވާއިރު، އޭނާ ފާހަގަވެގެން ދިޔައީ ޑރ. މުއިއްޒުގެ ރިޔާސީ ކެޕްމޭންގައިވެސް އިސްދައުރެއް އަދާކުރެއްވި، މުއިއްޒުގެ ވަރަށް އަރިސް ފަރާތެއްގެ ގޮތުގައެވެ. މިގޮތުން މުބީންވަނީ ޑރ. މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް، ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، ގިނަ ރެލީތަކުގައިވެސް ބައިވެރިވެފައެވެ. މިގޮތުން ޑރ. މުއިއްޒުގެ ކެމްޕޭންގެ ލޮޖިސްޓިކްސް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވާއިރު، ޕީޕީއެމްގެ ބިލެއްދޫ ދާއިރާގެ ރައީސްކަންވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.

އެމްޓީސީސީއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ކުންފުންޏެވެ. އެގޮތުން ސަރުކާރުން ކުރިޔަށް ގެންދާ، ބިން ހިއްކުމާއި ފަޅުފުން ކުރުމާއި، ބަނދަރުތައް ތަރައްގީ ކުރުންފަދަ ބޮޑެތި ގިނަ މަޝްރޫޢުތައް ކުރިޔަށް ގެންދަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.
މިމަހުގެ 17 ވަނަ ދުވަހު އިންތިޚާބީ ރައީސް މަގާމުގެ ހުވާ ކުރައްވާ ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުން ދާއިރު، މިހާރު ގެންދަވަނީ ކެބިނެޓްގެ ގިނަ މަގާމްތަކަށް ބޭފުޅުން ހަމަޖައްސަވަމުންނެވެ. އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ، ކެބިނެޓްގެ އިތުރުން ދައުލަތުގެ ބޮޑެތި ކުންފުނިތަކަށްވެސް އެމަނިކުފާނު ހަމަޖައްސަވާނީ، އިތުބާރު ކުރެއްވޭ އަދި ގާބިލް ބޭފުޅުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ