އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ސާބިތުވެފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުކުމް ތަންފީޒްކުރުމަށް ޖަލަށް ބަދަލުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އުފުލި 32 ދައުވާއަށް އިޢުތިރާފްވެ، ދައުލަތުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް 11 އަހަރަށް ޖަލަށްލުމަށް މިމަހުގެ 7 ވަނަ ދުވަހު ހުކުމްކޮށްފައިވާ ޒިޔަތު މިހާތަނަށް ހުކުމް ތަންފީޒްކުރައްވަމުން ގެންދެވީ ގޭބަންދުގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ، ގޭ ބަންދުގައި ހުރި ޒިޔަތުގެ މައްޗަށް އިއްވި ޖަލު ހުކުމާއި އެކު އޭނާ މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަމަށެވެ. ދައުލަތާއި އެކު އެއްބަސްވުން އެކުލަވާލާ ސާބިތުވެފައިވާ ޖަލުހުކުމާއި އެއްގޮތަށް ޖަލުގައި ހުކުމް ތަންފީޒްކުރުމުގެ ބަދަލުގައި ގޭގައި ހުންނެވުމުން ގިނަ ބައެއްގެ ފަޑުކިއުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އޭނާ އިޢުތިރާފްވެފައި ވަނީ ޅ.މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި މިދޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުޙައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.
ފަނޑިޔާރު ވަނީ އެފަދަ އިޢުތިރާފް އެއްބަސްވުމެއްގެ ނަތީޖާ އެނގިވަޑައިގަންނަވާތޯ ޒިޔަތާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޒިޔަތު ވިދާޅުވީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. މިމައްސަލައިގެ އިސްތިއުނާފް ރައްދުވާ ދައުލަތުގެ ވަކީލް ވިދާޅުވީ، ޒިޔަތާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.
ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޒިޔަތު ހައްޔަރުކުރީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މައްސަލާގައި ޖަލުގައި ހުރި ޒިޔަތު މިދިޔަ އަހަރުގެ ފެބްރުއަރީމަހު 9 ވަނަދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ ދައުވާ ސާބިތުވެ20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަޙްމަދު އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ވަރަށް ފަހުން އޭނާ ވަނީ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެފައެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ގޭބަންދުގައި ހުންނަވަނީ އޭނާ ނިދުމަށް ޚައްޞަ މެޝިނެއް ބޭނުންވާތީކަމަށާއި، އެއީ ޖަލުގައި ބެހެއްޓޭނެ މެޝިނެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ