ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއް

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާއަށް ދެ އަހަރުގެ ޖަލު ހުކުމެއް

Author
ހުސެއިން
06 ނޮވެމްބަރ 2023 04:47
0

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މިމައްސަލާގައި ކޯޓުން ހުކުމް ކޮށްފައިވަނީ ރ. އިނގުރައިދޫ ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު (22)ގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ. އޭނާ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތިއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ ފާއިތުވި ބޮޑު އީދުދުވަހު ފަތިހު މަޖީދީމަގުން ހިނގާފައި ދަނިކޮށެވެ. ހަފީޒު ގައިގައި ސައިކަލުން ޖެހިފައިވަނީ ހީނާމާގެ ޕާކިން ޒޯނު ކަންމަތީގައި ހުންނަ މަސްޖިދުލް އާދިލުން ފަތިސް ނަމާދުކޮށް އެތަނުން ފައިބައިގެން ރެޑްވޭވް ފިހާރައަށް ވަނުމަށް މަގު ހުރަސް ކުރި ވަގުތުގައެވެ.

މިމައްސަލާގެ ޝަރީއަތުގައި ޝަމްއާންވަނީ ކުށަށް އިއުތިރާފްވެ، ދައުލަތާއެކީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

ގާނޫނުގައި ވާގޮތުން މި ކުށުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެންނަމަވެސް އެކްސިޑެންޓުގެ ސަބަބުން ހަފީޒަށް ބޮޑު އަނިޔާއެއް ލިބިފައިވާތީ ގާޒީ ނިންމެވީ ތިން ދަރަޖަ މަތިކޮށް، ކުށަށް އިއުތުރާފް ވެފައިވާތީ ދެދަރަޖަ ދަށް ކުރުމަށެވެ. އެގޮތަށް ކަނޑައެޅުމުން ޝަމްއާންގެ މައްޗަށް އައީ 2 އަހަރުގެ ޖަލު ހުކުމެކެވެ.

މިމައްސަލާގައި ޝަމްއާން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާގެ ޖަލުގައި ހުންނަން ޖެހެނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.