ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް އަލުން ޝާއިއުކޮށްފިއެވެ.
މި ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީން އާންމުކުރަންޖެހޭ ކުށްވެރިންގެ ލިސްޓެވެ.
މި ދަފްތަރު ޑިޖިޓަލައިޒް ކުރުމަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިއްޔެ, އިފްތިތާހު ކޮށްދެއްވި މަސައްކަތެކެވެ. ޑިޖިޓަލައިޒް ކުރި މި ދަފްތަރު އަދާ ހަމަ ކުރުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޖެންޑާ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން, ކޯޓުން ހުކުމެއް ކުރުމާއެކު، އެ ހުކުމާ ބެހޭ މައުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދަފްތަރު, މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ. އެ އޮފީހުން ބުނި ގޮތުގައި މި ދަފްތަރު، ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކުޑަކުދިންނާ ބެހޭ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު ވުޖޫދަށް އައީ ވަރަށް އަނިޔާވެރިކޮށް ޖޫން 11، 2009 ގައި މަރައިލި، އެންމެ 10 މަހުގެ މުހައްމަދު ނާފިއު އިބްރާހިމްގެ ހަނދާނުގައެވެ. އެންމެ ފުރަތަމަ އެ ގާނޫނަށް ކިޔަން އުޅުނީ ވެސް ނާފިއު ގާނޫނެވެ. ނަމަވެސް މެމްބަރުން އެ ނަން ފާހެއް ނުކުރިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒް ކުރުމުގެ މަޤްޞަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެއާއެކު އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލްވެވޭނެގޮތް ފަހިކޮށްދިނުމަށްކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
ޑިޖިޓަލް ދަފްތަރު ލިސްޓުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދިނުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތުކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. ހަމައެއާއެކު ޕީ.ޖީ އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާވާނީ ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރެއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުށްވެރިންގެ މަޢުލޫމާތުތަކާއެކު ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި ކުރުން މުހިންމު ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ