އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލޫޓަން ވާދަކުރި މެޗުގެ ފަހު ވަގުތު ލިވަޕޫލް ސަލާމަތްކޮށް ދިން ލަނޑު ޖެހި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް އޭނާގެ ބައްޕަ މިނިވަންކޮށްދިނުމަށް ގޮވާލައިފިއެވެ.
ލީގުގައި ލޫޓަން އާއި ލިވަޕޫލް ވާދަކުރި މެޗުން ލިވަޕޫލް ބަލިވާން ދަނިކޮށް އެޓީމް ސަލާމަތްކޮށް ދިނީ ކޮލަމްބިއާގެ އެޓޭކަރު ލުއިސް ޑިއާޒްއެވެ. ޑިއާޒް ލިވަޕޫލަށް ގޯލު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ގޯލަށް ފަހު ޑިއާޒް ވަނީ މިދިޔަ ހަފުތާގައި ކިޑްނެޕްކުރި އޭނާގެ ބައްޕަގެ މިނިވަންކަމަށް ގޮވާލައިފައެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ލުއިސް މެނުއެލް ޑިއާޒް ކިޑްނެޕް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެގައުމުގެ އުތުރު ހިސާބެއް ކަމަށްވާ ލަ ގުއަޖީރާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހުއްޓާ ސައިކަލްގައި އައި ގޭންގެއްގެ ބަޔަކު ވަނީ ޑިއާޒްގެ ބައްޕަ ކިޑްނެޕްކޮށްގެން ގެންގޮސްފައެވެ.
ޑިއާޒްގެ ބައްޕަ ހޯދުމަށް އެގައުމުގެ ފުލުހުންނާއި އަސްކަރިއްޔާއިން ގުޅިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ. ކޮލަމްބިއާގެ އަވަށްޓެރި ވެނެޒުއޭލާއަށް ޑީއާޒްގެ ބައްޕަ ގެންގޮސްފައިވާ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ކިޑްނޭޕަރުން ވަނީ ޑިއާޒްގެ ބައްޕައާ ގުޅޭ މައުލޫމާތު ހާމަކޮށްފައެވެ.