މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލާއިއެކު މިހާތަނަށް 4 ރައީސަކު ވަނީ ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން 2023 ވަނަ އަހަރު ވެރިކަމުގެ މަސްއޫލިއްޔަތު ދިވެހި ރައްޔިތުން ހަވާލު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒުއާއެވެ.
ރާއްޖޭގެ 2 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގެ ސާފު ޢައުލަބިއްޔަތާއިއެކު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރު މީގެ 10 ދުވަސްފަހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ބޭރުގެ ޤައުމުތަކުގެ ވެރިންނާއި، ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުންނާއިއެކު ޖުމްލަ 3،500 މީހުން ބައިވެރިވާނެއެވެ.
ކެބިނެޓް ވާނީ ރެޔާއިދުވާލު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭފަދަ ކެބިނެޓަކަށް:
ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާ ލައްވާ ސަރުކާރަކީ ރެޔާއި ދުވާލު ހޭލައިތިބެގެންވެސް ރައްޔިތުންނަށް ޚިދުމަތްދެވޭފަދަ ގާބިލް ހީވާގި ސަރުކާރެއް ކަމުގައި ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނު ޒިންމާދާރުވެވަޑައިގަންނަވާނީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެމަނިކުފާނަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވަޑައިގަންނަވާނެކަމަށާއި އެހެން ބައެއްގެ ނުފޫޒެއް އެމަނިކުފާނުގެ މައްޗަށް ނުހިންގޭނެކަމަށްވެސް ވިދާޅުވިއެވެ.
މިސަރުކާރުގައި ވާހެނެއް އެހެން ބައެއްގެ އަތްމަތީގައި ބާރު އޮންނަ ސަރުކާރެއް ނޫން، އަޅުގަނޑުގެ މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް ބައެއްގެ. ރައްޔިތުންގެ ބާރު އެކަނި ހިނގާނީ. ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރީ. އަޅުގަނޑު މިއީ ރައްޔިތުންގެ ޚާދިމެއް.
– ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ކެބިނެޓް އެކުލަވާލައްވައި މަސްއޫލިއްޔަތު ޙަވާލުކުރައްވާނީ އިތުބާރުކުރެވޭ އިޚްލާސްތެރި އަދި ކަމަށް ޤާބިލު ބޭފުޅުންނާކަމަށެވެ. އެބޭފުޅުންވާނީ އެމަނިކުފާނު ވިދާޅުވާގޮތަށް ކަންކަން ކުރައްވާނެ ބޭފުޅުންނަށެވެ.
އުންމީދަކީ އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފްތާގައި ހައްލުކޮށް ނިންމާލުން:
ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގަންނަވާނެކަމަށާއި، އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުގައި މުއިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހިން ނޭދޭކަމަށެވެ. އަދި މިހާރު އޮތް ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް، ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުގެ މަތިން، ވީ އެންމެ އަވަހަކަށް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރާއިއެކު، ވާހަކަދައްކަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާނީ ކޮންއިރަކުންތޯ އަލްޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ސުވާލު ކުރެއްވުމުން، ޑރ. މުޢިއްޒު ވިދާޅުވީ ހުވާ ކުރާތާ އެންމެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރުން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ޙައްލުކުރެއްވުންކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
މި ބަސްދީގަތުމުގައިވެސް އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނު ގެންގުޅުއްވާނީ ޕްރޯ-މޯލްޑިވްސް ސިޔާސަތެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ޤައުމަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ފުރަތަމަ ދުވަހު މަސައްކަތް ފަށައި، ނަތީޖާ ނެރުމުގެ އަމާޒަށް:
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި ނަތީޖާ ނެރުމަކީ އެމަނިކުފާނުގެ އަމާޒެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެން ނެވުމުގެ ކުރިން ލިބިފައިވާ ޓްރާސްސިޝަން މަރުހަލާގައި އެމަނިކުފާނު ގެންދަވަނީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން އަމާޒު ހިފާ ކަންކަންވެސް ލިސްޓު ކުރައްވަމުންނެވެ.
އިންތިޚާބީ ރައީސްގެ ވައުދުތަކުގެ ތެރެއިން ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގައި އަލަށް ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު، އަންނަ އަހަރަށް ފާސްކުރުމަށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި ޕްރޮޖެކްޓްގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޑރ.މުޢިއްޒުގެ ތަޞައްވުރަކީ އެ ފަޅު ހިއްކާ، 11000 ގޯއްޗާއި 20000 ފްލެޓް އެތަނުގައި ތަރައްޤީކުރެއްވުމެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ދަޢުރުގެ ކުރީކޮޅު މި މަޝްރޫޢު ފަށާ، ދަޢުރު ނިމުމުގެ ކުރިން އެ ޕްރޮޖެކްޓްގެ ބޮޑު ބައެއް ނިންމާލުމެވެ.
ހަމަ މިއާއިކު ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް އެންމެ މުހިންމު މަސައްކަތެއް ކަމުގައި ޑރ. މުއިއްޒު އަމާޒު ހިފާފައިވަނީ މަސައްކަތް އަވަސްކޮށް، އަންނަ ސެޕްޓެމްބަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ނިންމެވެ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށެވެ.
ޑރ.މުއިއްޒު ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއަރޕޯޓްގެ މަސައްކަތް ނިންމާލުންކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ވާނީ ނިންމާފައި ހުވާކުރެއްވުމަށްފަހު ސީދާ ރައީސް އޮފީހުގައި އަޅުގަނޑު ޗެއަރކުރާގޮތަށް ކޮންމެ ދުވަހަކުވެސް މިމަޝްރޫޢުގެ އަޕްޑޭޓްތައް ބަލާ މަސައްކަތް އަވަސްކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރަން. އަދި އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ދެހަފްތާތެރޭގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ސައިޓަށް ދާންވެސް.
– ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ %54.4 ވޯޓާއެކުގައެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.