ސަރުކާރު ހިންގުމާއި ހަވާލުވާ މައި ޕާޓީ ޕީއެންސީއާއި އަލަށް ގުޅުނު 500 މެމްބަރުންގެ ފޯމު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހަވާލުކޮށްފިއެވެ.
އިންތިޚާބީ ރައީސްގެ ގެކޮޅު މ. ދިމްޔާތުގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ފޯމު ހަވާލު ކުރީ ޒުވާނުންގެ ފަރާތުންނެވެ. މިފޯމު ތަކަކީ ޒުވާނުންތަކެއް އިސްނަގައިގެން ފުރާފައިވާ ފޯމުތަކެކެވެ. މިއީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ޒުވާނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެއްގައި ފުރާފައިވާ ފޯމުތަކެކެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައި ގަންނަވާ ޕީއެންސީގެ މެމްބަރުން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި އެޕާޓީއާއި ބައެއް މަޤަމުތައް ފުރުއްވާ ބޭފުޅުންނާއި، ޢާންމު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ގުޅެމެންނެވެ. އެގޮތުން ދާދި ފަހުން ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމްވެސް ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންފައިވާ އިރު، މަޖިލީހުގެ މެމްބަަރުންތަކެއް އެ ޕާޓީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އިންތިހާބީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕީއެންސީއަކީ ހަރުދަނާ އަދި މުހިންމު މަސަައްކަތްތަކެއް ކުރާ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ