ފެންވަރު ނެތް ރައީސުންގެ އިނާޔަތް ކަނޑާލުން މާ އައުލާކަންބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުރު ހަމަނުކުރާ ރައީސުންގެ އިނާޔަތް ކަނޑާލުމަށް ތާޢީދުކުރައްވާކަަމށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.
ދައުރު ހަމަނުކުރާކަމަށް އިކްރާމް އެ އިޝަރާތްކުރެއްވީ ރައީސް މުޙައްމަދު ނަޝީދަށެެވެ. އެމަނިކުފާނު ވަނީ 5 އަހަރުގެ ދައުރު ފުރިހަމަނުކުރައްވާ މަޤާމުން އިސްތިއުފާދެއްވާފައެވެ.
އީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީނެވެ. އަދި މިދައުރަށްފަހު މި ލިސްޓަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުވާނެއެވެ.
ކޮމެންޓު ފޮނުވާ