ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން ވޯޓު ހޯދުމަށް ކޭބަލް ރޯލާއި، ހޮޅިދަނޑި އަރުވައިގެން އެއީ ތަރައްޤީކަމަށް ދެއްކުމަށް މަސައްކަތް ކުރިޔަސް އެކަން ގަބޫލުކުރާނެ ރައްޔިތަކު މިޤައުމުގައިނެތްކަމަށް ޕީއެންސީގެ ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރަށު ބަންދުގައި ތިބެ ވީޑިއޯގެ ޒަރީއާއިން ހއ.ބާރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ތަރައްޤީއަކީ މިސަރުކާރަށް އެގޭ އެއްޗެއް ނޫންކަމަށެވެ. ރަށެއްގައި ހޮޅި ދަނޑިޖަހައި، ކަރަންޓް ރޯލުތަކާއި، އެނޫންވެސް ތަކެތި ރަށްރަށް ގެންގޮސް އެއީ ތަރައްޤީކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިއީ ތަރައްޤީކަމަށް ގަބޫލުކުރާނެ ބަޔަކު ނެތްކަމަށާއި، ރައީސް ޔާމީން ގެނެސްދިން ތަރައްޤީ އެއްވެސް ރައްޔިތަކަށް އޮޅިފައި ނުވާކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޭބަލް ރޯލް އަރުވާފަ އެއީ ތަރައްޤީއެއްނޫން. އަޅުގަނޑުމެން ތަރައްޤީ ކިޔަނީ ބުރިޖާއި، ބޮޑެތި ފާލަންތަކާއި، އޭޓީއެމްތަކާއި، މިސްކިތްތަކާއި، ސްކޫލުތައް. އަޅުގަނޑުމެންނަކީ ރަށުގައި ޖަހާ ހޮޅިބުރިއަކީ ތަރައްޤީކަމަށް ގަބޫލު ކުރާ ބައެއްނޫން. އަޅުގަނޑުމެން މިއަންނަ އިރާދަ ކުރެއްވިއްޔާ ބާރަށު މަގުތަކުގައި އަޅުގަނޑުމެން ތާރު އަޅާނަން.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސް ޞާލިހު ކައުންސިލް އިންތިޚާބާއި ދިމާކޮށް ނާޖާއިޒް ގޮތުގައި، އެކިއެކި ކަންކަން ކުރާކަން ދެއްކުމަށް ރައްޔިތުންނަށް ކުލަ ހުވަފެން ދައްކަމުންދާކަމަށެވެ. އެތަކެއް ޒުވާނުން މިއަދުވެސް ވަޒީފާއިން ވަކިކޮށް ރަށުގައި ގޮތެއް ނެތިފައި ތިބިއިރު އެޒުވާނުނުންނަށް ގޮތެއް ނުހޯދައި ކުލަ ހުވަފެން ދެއްކުމަށް މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެކަމަށެވެ.
ޝުޖާވަނީ މިސަރުކާރުން ރައީސް ޔާމީން އެޅުއްވި ފްލެޓް ދިނުމުގައި އަމަލު ކުރަމުންދާ ގޮތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިސަރުކާރުކާރުން ފްލެޓް ލިސްޓު އޮޅުވާލައި، ފްލެޓް ލިބިފައިވާ އެތައްބަޔަކު އަތުން ނުހައްގުން ފްލެޓް ފޭރިގަނެފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. ނާއިންސާފުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ ޕްރޮގްރެސިވް ކޯލިޝަނުން ތާއީދު ކުރާނެ ކަމެއް ނޫންކަމަށާއި، ނުހައްގުން ފްލެޓު އަތުލިޔަސް އަދި އަނިޔާ ކުރިޔަސް މިސަރުކާރި މަތީގަައި މިއަދު ފަސްޖެހި ކުޑަކަކޫ ޖަހާނެ ބަޔަކު ނެތްކަމަށާއި، ވޯޓުން ބޮޑުތަނުން މިކަމުގެ އިނާމު މިސަރުކާރަށް ދޭން ރައްޔިތުން ތައްޔާރަށް ތިއްބެވިކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ