އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ވެސް ކެންސަލް

އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ވެސް ކެންސަލް

Author
ހުސެއިން
02 ނޮވެމްބަރ 2023 10:56
0

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބުދުﷲ މިއަދު ވެސް ސަލާމް ފޮނުއްވުމާއި ގުޅިގެން، މިއަަދަށް އެޖެންޑާކުރި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ

ނަޝީދު މަގާމުން ވަކިކުރަން އާދީއްތަ، ހޯމަ، ބުދަ ދުވަހުގެވެސް ޖަލްސާއަށް އެޖެންޑާ ކުރިއެވެ. އެހެންނަމަވެސް އެ ހުރިހާ ޖަލްސާއެއްވެސް ކެންސަލް ކުރަން ޖެހުނީ އީވާ އާލާސްކަންފުޅާއި އުޅުއްވާތީ ސަލާމް ބުނުމުންނެވެ. މިފަހްތާގެ އަންގާރަ ދުވަހަށް ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރިނަމަވެސް އެޖަލްސާއަށް ފިނޭންސް މިނިސްޓަރު ވަޑައިގަންނަވަން އިއުތިރާޒު ކުރެއްވުމާއި ގުޅިގެން އެޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ.

ހަފްތާގެ ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހަކަށް ނުވިނަމަވެސް، މިއަދަށް ޖަލްސާ އެޖެންޑާ ކުރީ އެމްޑީޕީގެ އެދުމުގެ މަތިންނެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ މިހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް މި ދެ ޖަލްސާއަށްވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ނެތި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ޤަވާއިދުގައިވެސް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.