ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ މިހާތަނަށް އައިއިރު، ތިން ފަހަރެއްގެ މަތިން އެޖެންޑާކޮށްފައިވެއެވެ. އެހެން ނަމަވެސް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވުމުން އެޖެންޑާ ކުރި ކޮންމެ ޖަލްސާއެއް ވަނީ ކެންސަލްކޮށްފައެވެ.
އެންމެ ފަހުން މިއަދު ވެސް އެފަދަ ޖަލްސާއެއް ބާއްވަން އެޖެންޑާ ކުރި ނަމަވެސް ވަނީ ކެންސަލްކޮށްފައެވެ. ނަޝީދުގެ މައްސަލަ އަލުން އެޖެންޑާ މި ކުރީ، އެ މައްސަލަ އެޖެންޑާކޮށް ދިނުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެދިފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި މިހާރު ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.
އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ