ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށްވެފައިވާ ވަޢުދުތައް ފުއްދާދިނުން އަވަސް ކުރުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސްކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައިކަމަށެވެ.
މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ޚަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހުމުން މަސްވެރި ޢާއިލާތައްވަނީ ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައިކަމަށެވެ.
މަސްވެރި ޢާއިލާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްވެރިންގެ އެހީތެރިކަންލިބޭ ދިވެހި އެތައް ޢާއިލާތަކެއްވަނީ ނިކަމެތިވެ ނުހަނު ޙާލުގައި ޖެހިފަ. މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވަޢުދާއެކުގަ. ނަމަވެސް ސަރުކާރަށް 2 އަހަރު ވީއިރު މަސްވެރިންވަނީ އިތުރަށް ނިކަމެތިވެފަ. ގޭދޮށު މަސްފެކްޓްރީއެއް އަދި ނެތް. މަސްވެރިންގެ ޕްލެޓްފޯމް ޤާއިމްކުރެވޭނެ ކަމުގެ ޔަޤީންކަމެއްވެސް ނެތް. މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާޢަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާޤާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރު.
– އިދިކޮޅު ބަޔާނުގައިވެއެވެ.
މިދަނޑިވަޅުގައި މަސްވެރިންގެ ޙައްޤު ހޯދުމަށާއި މަހަށް ހަމައަގު ހޯދުމަށް މިއަދު ބޮޑު ކަންނެލި މަސްވެރިންގެ ޖަމްޢިއްޔާއިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިންނާއި އެގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް އިދިކޮޅުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށްވެފައިވާ ވަޢުދުތައް ފުއްދާދިނުން އަވަސް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ