ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.
ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅުއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމަ އެވެ. އެކަމަކު، ޖޭއެސްސީގެ ބައްދަލުވުމެއް މާދަމާ އަށް ތާވަލްކޮށްފައިވާ އިރު، ޝަކީލް ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމައެވެ.
ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވެވި ޝަކީލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުއްޓާ އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރިއެވެ. އެކަމަކު، 2019 ގައި އަލުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިއިރު، ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
އޭނާ ވަނީ ޖުވެނައިލް ކޯޓާއި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.