އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ޔަގީންކުރި ފުރަތަމަ ޓީމަކަށް ކޭއާރުއެޗް ވެއްޖެއެވެ.
އޭއީސީއާއި ދެކޮޅަށް ކުޅުނު މިމެޗު ފަސޭހަ ކަމާއިއެކު ކޭއާރުއެޗުން ކާމިޔާބު ކުރީ 19 – 0 އިންނެވެ. މިއީ މިހާތަނަށް މިމުބާރާތުގައި ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ. މިމެޗުގައި ކޭއާރުއެޗްގެ ޖުނައިދު ވަނީ 5 ގޯލް ކާމިޔާބޮށްދީފައެވެ. އަބޫބަކުރު އާދަމް 4 ގޯލް ޖެހިއިރު، އަސްޖައު މޫސާ ވަނީ ހެޓްރިކް ހަދާފައެވެ.
ކެޕްޓަން ދާއޫދާއި، ޖަމްޝާދު މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ކާމިޔާބު ކޮށްދިން އިރު، އަލީ އަހުމަދާއި، ރައިހާނާއި، އާލިމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްގޯލް ކާމިޔާބު ކޮށްދީފައެވެ. މިމެޗުން ބަލިވުމުން އޭއީސީއަށް ވަނީ މުބާރާތުގައި ކުރިއަށް ދެވޭނެ މަގު ބަންދު ވެފައެވެ. ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެން ކުއާޓާގެ ޖާގަ ޔަގީންކުރި ފުރަތަމަ ޓީމަކީ ކޭއާރުއެޗެވެ. ދެމެޗުން ބައި ކޮޅަށް ވަން 28 ގޯލާއިއެކު އޭއީސީ ވަނީ މުބާރާތުން ކަޓާފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއާރުއެޗަށް ކުޅޭ ޖުނައިދެވެ. އޭނާ ވަނީ މިމެޗުގައި 5 ގޯލް ކާމިޔާބު ކޮށްދީފައެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.
މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.