ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށް، އެ ދާއިރާއަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންތިޚާބީީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާކީ ރައްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށެވެ. އަދި، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުތަކުން އެއްބާރުލުން ލިބުނު ނަމަވެސް، އަދިވެސް ސިނާއަތް ކުރިއެރުވުމަށް ކުރެވޭނެ ގިނަ ކަންކަން އެބަ ހުރިކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ބޮޑެތި ސިނާއަތްތަކަށް ވަކި ވުޒާރާތައް ހުންނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، ޓުއަރިޒަމަށް ވަކި ވުޒާރާއެއް، މަސްވެރިކަމަށް ވަކި ވުޒާރާއެއް އޮންނަ އިރު، ދަނޑުވެރިކަމަށް ވެސް ވަކި ވުޒާރާއެއް ބިނާ ކުރައްވާނެކަން އެ މަނިކުފާނު ހާމަކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ކޮންސްޓަރަކްޝަން އިންޑަސްޓްރީ އޮންނަނީ އަބަދު ވެސް ކޮންމެ ވެސް ވުޒާތާއެއް ތެރެއަށް ލެވި ފޮރުވިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެން ނަމަވެސް ބޭރަށް ނެރި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލް ވާގޮތަށް އިރާދަކުރެއްވިއްޔާ ވުޒާރާއެއް ގާއިމް ކުރާނަން.
– އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިކަމުގެ ސަބަބުން އެ ސިނާއަތުގެ ކަންކަމަށް ވަކިން ބޮޑު އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި، ވަކި ވުޒާރާއެއް ބިނާކުރުމުން، ބޭރުގެ އެހެން ގައުމުތަކުން ހޯދަންޖެހޭ އެހީތައް ހޯދުމުގައި ވެސް ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވަނީ ކޮންސްޓްރެކްޝަން ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ބޭފުޅުންނަށް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ