އިންތިގާލީ މަރުޙަލާގައި، "އަރބަންކޯ"އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިޚާބީ ރައީސްގެ އޮފީހުން ފާޅު ކުރައްވައިފިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އަރބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އަރބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް' ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި ވަކީން ޚާއްސަކޮށް، މި މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭކަމާ މެދު އިތުރަށް ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ.
މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މި މަރުޙަލާގައި މި ފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް، ޤާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ