ރައްޔިތުންގެ މަޖިލިސް ނުހުއްޓުވޭނެ ކަމަށާއި، އަދި އުވައެއްވެސް ނުލެވޭނެ ކަމަށާއި، އެހެންކަމުން މަޖިލިހުގެ މަސައްކަތްތައް ނުހިނގާގޮތަށް ގާނޫނުތައްވެސް މާނަ ނުކުރެވޭނެކަމުގައި އެމްޑީޕީގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލިސް ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދަށް ސަލާމް ބުނުމާއެކު ޖަލްސާ ނިންމާލުމަށް މަޖިލިސް އިދާރާއިން ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން މިއަދުވަނީ އިހުތިޖާޖުކޮށް އިދާރީ މުވައްޒަފުންގެ ތަކެއްޗަށްވެސް ގެއްލުން ދީފައެވެ.
މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ މަޖިލިސް ރައީސަށް ޖަލްސާގެ ރިޔާސަތުގައި ނީންނެވޭނެ ކަމުގައެވެ. މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިސް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާން ޖެހެނީ މަޖިލިސް ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައެވެ.
އެހެންނަމަވެސް މާދަމާ މަޖިލިސް ޖަލްސާ ބޭއްވުމަށް އިދާރާއިން މިހާރުވަނީ ނިންމާފައެވެ.
މަޖިލިސް ޖަލްސާތައް މިއަދު ކުރިޔަށް ނުގެންދިއުމާ ގުޅޭގޮތުން އެމްޑީޕީގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަފީފު ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާ ހުއްޓުވާފައިވަނީ ގާނޫނު އަސާސީވެސް އަދި މަޖިލިސް ގަވާއިދުވެސް ތަސައްވަރުކޮށްފައި އޮތް އުސޫލަކުން ނޫންކަމުގައެވެ.
އަދި މަޖިލިސް ޖަލްސާތައް ހުއްޓުވާފައި ބޭއްވުމަކީ ޕާލަމެންޓްރީ ޕްރެކްޓިސްގައި އޮންނަ އުސޫލެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހެއް ނުހުއްޓޭނެ. ރައްޔިތުންގެ މަޖިލީހަކީ އުވާލެވޭވެސް ތަނެއް ނޫން. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދާން ޖެހޭ ގޮތަށް ގަވައިދުތައް ހެދި ބައްޓަން ކުރެވިފައި އޮއްވާ އެކަން ނުކުރެވޭ ގޮތަށް މަޖިލީހުން ގާނޫނުތަކާ ގަވައިދުތައް މާނަކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން.
އަފީފު ވިދާޅުވިއެވެ.
މަޖިލިސް ރައީސް މަގާމުން ވަކިކުރާ ހާލަތުގައި ނާއިބު ރައީސަށް ޖަލްސާއަށް ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ ދެން އަމަލުކުރާނެ ގޮތެއް މަޖިލިސް ގަވާިދުގައި ނެތްކަމަށް މަޖިލިހުގެ އިދާރާއިން ބުނާކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެއީ ރަގަޅު ވާހަކައެއް ނޫންކަމުގައެވެ.
އަދި އޭނާ ވިދާޅުވީ އެ ހާލަތުގައި ހަދަންޖެހޭ ގޮތް ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އެ އެބައޮތް ކަމަށެވެ. އެއީ މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ 5 މެމްބަރަކު ތިއްވާގޮތަށް މަޖިލިހުގެ ގަވާއިދުގައި އޮންނަ އޮތުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން މިއަދުވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އެމްޑީޕީން ހުށަހެޅި މި ދުސްތޫރީ މައްސަލައިގައި އެ ޕާޓީން އެދުނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ނިންމި ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.
ކޮމެންޓު ފޮނުވާ