މަސްވެރިންގެ ދުވަހު މަހަށް ނުގޮސް މަސްވެރިން މިޖެހެނީ އަޑުއުފުލަން: ޝިޔާމް

މަސްވެރިންގެ ދުވަހު މަހަށް ނުގޮސް މަސްވެރިން މިޖެހެނީ އަޑުއުފުލަން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 04:34
0

މަސްވެރިންގެ ދުވަހުވެސް މަސްވެރިން ޖެހެނީ މަހަށް ނުގޮސް ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިޚުތިޖާޖު ކުރުމަށް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި ގުޅިގެން މިއަދު ގިނަ އަދަދެއްގެ މަސްވެރިން ވަނީ މަހަށް ނުގޮސް ކަނޑުމަތީގައި އަޑު އުފުލަމުންނެވެ. މަސްވެރިންގެ ޝުޢޫރުތައް މި އިހުތިޖާޖުގައި ފާޅުކުރަމުންދާއިރު، އަޑުއުފުލި ބައެއް ދޯނިތައްވަނީ ރައީސް އޮފީސް ކުރިމަތިން ފެށިގެން މާލޭގެ މަލަމަތީގައި މަޑުކޮށްގެން ތިބުމަށްފަހު އަޑު އުފުލާފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދުވަހުވެސް މަހަށް ނުގޮސް ހައްގު ހޯދަން މަސްވެރިން ޖެހެނީ ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އަޑު އިއްވުމަށް މާލެ ވަށައި ދުއްވަން ކަމަށެވެ. މިއަދު މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި މަސްވެރިންގެ ކަންބޮޑުވުން އުފުލަމުންދާއިރު މިސަރުކާރުން މިކަމަށް އެއްވެސް ވަރަކަށް ސަލާލުކަމެއް ނުދެއްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން ކަނޑުމަތީގައި އަޑު އުފުލަމުންދާއިރު، ރައީށް ޞާލިހު މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ ކޯވިޑް-19 އާއިއެކު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ. ރައީސް ޞާލިހު ވިދާޅުވީ މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެކަމަށާއި، އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމުގައެވެ.

މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.