ޕީޕީއެމްގެ ރައީސް ޔާމީނަށް މިސަރުކާރުން ގެންދަނީ ހުއްޓުމެއް ނެތި އަނިޔާދެމުން ކަމަށާއި، އެމަނިކުފާނަށް ދޭ އެންމެ ބޮޑު އަނިޔާއަކީ ޝަރީއަތްތައް ހުއްޓުވާފައި ބޭއްވުން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚަބުން މިސަރުކާރު ބަލިވެ، ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރުމާއިއެކު ރައީސް ޞާލިހު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. އަދި ރޭ ވަނީ ރައީސް ޔާމީން ގޭބަންދުން ރަށު ބަންދަށް ބަދަލު ކުރައްވާފައެވެ.
މިނިންމުމާއިއެކު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދަނީ ހާމަވަމުން ކަމަށެވެ. ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަކީ ހުއްޓުމެއް ނެތި ދެމުންދާ އަނިޔާތަކެއްކަން ފާހަގަ ކުރަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުން ވަނީ އެމަނިކުފާނުގެ ޝަރީއަތް ހުއްޓުވައި އަނިޔާދެމުން ކަމަށެވެ.
މިކަން މާކުރިންވެސް ކޮށްދެވެން އޮތް. އަދި ބެއިލްވެސް މީގެ ކުރިން ކޯޓުތަކުގައި ހުރީ ޕްރެސްޓިސް ކޮށްފައި. ރައީސް ޔާމީނާ ހިސާބުން މިކަންކަން ދަންނަކަމަކަށް ނުހެދި. ރަށުބަންދެއްވެސްނޫން އެއީ. ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއް. އެހެންނޫނަސް ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް. ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް. އެމަނިކުފާނުގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ ދޭ އެންމެ ބޮޑު އަނިޔާ. ރައީސް ޔާމީން މިނިވަންކުރަން ގޮވާލަން.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. މައްސަލަ ލަސްކުރާ ކަމަށް ބުނެ ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ބަޔަކު ޕީޖީއާ ގުޅިގެން ގަސްތުގައި ކުރާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
އިންތިހާބީ ރައީސް މުއިއްޒު ވަނީ ގާނޫނީ ހަމަަތަކުގެ މަތިން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.