ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކޮށްފައިވާ، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވާތީ ޖޭއެސްސީން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މިމައްސަލައާއި ގުޅޭގޮތުން މިއަދު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ޢިއުތިރާފުން ސާބިތުވާކަމާއި، އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަޤްސަދެއް އޮވެގެންކަމަށް ސާބިތު ވެފައިވާ ކަމުގައެވެ.
އަދި އިސް މެޖިސްޓްރޭޓް ޢަލީ އާދަމްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް 2023 އޮކްޓޫބަރު 25 ވަނަ ދުވަހު ބޭއްވި މިކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާކަންވެސް ޖޭއެސްސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ޖޭއެސްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މިފަދަ އެހެން ސުލޫކީ މައްސަލައެއްގައި 2023 ޖުލައި 23 ވަނަ ދުވަހުވެސް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާނެ ކަމަށެވެ. މީގެ އިތުރުން، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިތުރު ސުލޫކީ މައްސަލައެއްގެ ތަޙުޤީޤުގެ ތެރެއިން އެ ފަނޑިޔާރު ވަނީ މަސައްކަތަށް ނުކުތުން މަނާ ކޮށް، އެ މައްސަލައިގެ ތަޙުޤީޤު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައިކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.