ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަސައްކަތްކުރައްވާކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫކަމަށެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް އެޕާޓީން ދެކޭކަމަށް އެމްޑީ÷ީން ނެރުނު ނޫސްބަޔާނެއްގައިވެއެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުންކަމަށާއި، އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަންކަމަށް އެމްޑީޕީން ބުންޏެވެ.
ރިޔާސީ އައު ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް މިޕާޓީން ފުރުސަތެއް ނުދޭނެކަމަށް ބުނެފައިވެއެވެ. އެޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުންކަމަށާއި، އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް މިޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް ފާހަގަކުރަމެވެ.
– އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ