ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ. މުހުތާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްޙަ ހުވައަކަށް ވެގެން ނުދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ޑރ. މުއިއްޒު ހުށަހަޅުއްވާ ކެބިނެޓަށް މަޖިލިހުގެ ރުހުން ނުދޭނެކަމަށް އެމްޑީޕީގެ ޕީޖީން ބުނުމާއި ގުޅިގެންނެވެ.
މުހުތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެކަމަށެވެ. އެމަގުން އެކަން ހިންގުމަށް ފުރުސަތެއްވެސް ނުދެވޭނެކަމަށް މުހުތާޒް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަކީ ސިޔާސީގޮތުން ތަސައްރަފް ފުދިފައިވާ ބަޔަކަށް ވާން އެބަޖެހޭ.
– މުހުތާޒް މުހުސިން ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުް ވަކިކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ، މިހާރު މަޖިލިހަށް ހުށަހަޅާފަ އޮތް މަޖިލިސް ރައީސްގެ އިތުބާުރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވައިފިނަމަ އެއީ ސައްހަ ހުވައެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމުގައެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ހުވާ، މިވޯޓު ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އަޅުގަޑުމެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާކުރައްވައިގެން ހުރި ރައީސުލްޖުމުހޫރިއްޔާއެއް ކަމުގަ އަޅުގަޑުމެން ނުބަލާނެ ވާހަކަ، އެގޮތަށް އަޅުގަޑުމެންނަށް މަޝްވަރާ ކުރެވިފަ އޮތީމަ އެވާހަކަ ދަންނަވާލީ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން ނަޝީދު ދުރުކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަށް ނަޝީދު ހުރަސް އަޅުއްވަމުން ގެންދަވާކަމަށް މޭރުން ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކިނބުދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މިހާރު ހުށަހެޅިފަ އޮތް މައްސަލައާމެދު ގޮތެއް ނުނިންމާ މަޖިލިސް ރައީސްކަމުގަ މިހާރު ނަޝީދަށް އިންނެވޭނެކަމަށް ގަބޫލުވެސް ނުކުރައްވާނެ ކަމުގައެވެ. އަދި އެނާ ވިދާޅުވީ މިމައްސަލައާމެދު ގޮތެއް ނުނިންމާ، މުއިއްޒު ހުވާކުރާދުވަހުވެސް ނަޝީދަށް ރިޔާސަތުގަ އިންނެވިގެން ނުވާނެ ކަމަށާއި، އެފަދަ ހާލަތެއް އަތުވެއްޖެނަމަ މުއިއްޒު ހުވާކުރާ ރަސްމިއްޔާތު ސައްޙަ ރަސްމިއްޔާތަކަށް ވެގެން ނުދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާޝިޒު އިތުރަށް ވިދާޅުވި އެގޮތަށް ޑރ. މުއިއްޒު މަގާމުގެ ހުވާ ކުރައްވައިފިނަމަ، މުއިއްޒު އައްޔަން ކުރައްވާ ކެބިނެޓަކަށް މަޖިލިހުގެ ރުހުންވެސް ލިބިގެން ނުދާނެ ކަމުގައެވެ.
އެޖަލްސާއިން އެކަން އެހެން ކަން ކުރައްވައިފިނަމަ، އެރައީސުލްޖުމުހުރިއްޔާ ފޮނުއްވާ ކެބިނެޓަށް ކަނޑައެޅިގެން ހަމަ ނޯ ޖަހާނީ އިނގޭތޯ.
އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް، ނަޝީދު ރިޔާސަތުގައި އިންނަވާ ޖަލްސާއެއްގައި ޑރ. މުއިއްޒު ހުވާކުރައްވައިފިނަމަ، ޑރ. މުއިއްޒުގެ ކެބިނެޓަށް މަޖިލިހުން ރުހުން ނުދޭނަކަމަށް އެމްޑީޕީން ނިންމާފައިވާކަން ހާމަކުރައްވަމުން ނާޝިޒު ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ގާނޫނާއި ޚިލާފް ޖަލްސާއެއްގައި ހުވާކުރައްވައިގެން ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ކެބިނެޓް ހުށަހެޅުއްވިޔަސް އެކަން ބަލައި ނުގަނެވޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ