ނަޝީދު ބޭނުންފުޅުވަނީ، ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން

ސަޕްލިމެންޓްރީ ބަޖެޓު އަލުން މަޖީލަށް ހުށަހަޅަން ފިނޭންސަށް އަންގައިފި

ސަޕްލިމެންޓްރީ ބަޖެޓު އަލުން މަޖީލަށް ހުށަހަޅަން ފިނޭންސަށް އަންގައިފި

ފިނޭންސް މިނިސްޓްރީން ފާއިތުވި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، މާލިއްޔަތު ގާނޫނުން ލާޒިމްކުރާ ތަފްސީލުތައް ހިމެނުމަށްފަހު އަލުން ހުށަހެޅުމަށް މަޖިލިސް އިދާރާއިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރުމަށް ބޭނުންވާތީ، 6.5 ބިލއަން ރުފިޔާ ހިމަނައިގެން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޖް އިއްޔެގެ ޖަލްސާއަށް އެޖެންޑާވެސް ކުރިއެވެ. އެހެންނަމަވެސް އިއްޔެގެ ޖަލްސާ ބޭއްވިފައި ނުވަނީ ކޯރަމް ހަމަވާވަރަށް މެމްބަރުން ތަޅުމުގައި ހަމަ ނުވެގެންނެވެ.

އަދި މިއަދުގެ މަޖިލިސް ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކޮށްފައެއް ނުވެއެވެ. ބަޖެޓް އެޖެންޑާއިން އުނިކުރުމުން އެމްޑީޕީން ނުރުހުން ފާޅުކޮށްފައިވެސް ވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ، އަލުން ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވަނީ، މަޖިލިހަށް ފޮނުވި ބަޖެޓުގައި މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާތީ ކަމުގައެވެ. އަދި އެތަފްސީލު ފޮނުވާދޭން މީގެކުރިންވެސް މަޖިލިސް އިދާރާއިން ފިނޭންސްގައި އެދިފައިވާނޭކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

އެހެންނަމަވެސް އެންމެ ފަހުން ފޮނުވި ސަޕްލިމަންޓްރީ ބަޖެޓުގައިވެސް އެ ތަފްސީލުތައް ނެތުމުން، މަޖލިސް ރައީސް ސޮއިކުރައްވާ، ތަފްސީލުތަކާއެކު އަލުން ހުށަހެޅުމަށް ފިނޭންސްގައި އެދިފައިވާކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައި ވެއެވެ.

މިއަދުގެ އެޖެންޑާއިން ސަޕްލިމަންޓްރީ ބަޖެޓު އުނިކޮށްފައިވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެޖެންޑާ ކޮށްފައި އޮތް މައްސަލައެއް އެގޮތަށް އެޖެންޑާއިން ނުނެގޭނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އެމްޑީޕީން ބުނެފައިވަނީ މަޖިލިސް ރިޔާސަތު ޑިމޮކްރެސްއަށް ލިބިފައި އޮތުމުން ބޭނުން ގޮތަކަށް ރިޔާސަތުން ކަންކުރަމުންދާ ކަމުގައެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރުމަށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޖް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ކަމާއި ގުޅުންހުރި ގާނޫނުތަކާއި ޚިލާފަށްކަމަށް މަޖިލިހުގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްއިން އިއްޔެ ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލިހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނެނީ، ރިކަރަންޓް ހަރަދަށް ހޭދަވާނެކަމަށް ލަފާކުރާ 3.1 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގެ ރައީސަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލިހަށް މިހާރު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނަން މާލިއްޔަތު ގާނޫނުން ލާޒިމްކުރާ، ފާއިތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ޚަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުންވެސް، ދައުލަތުގެ މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށްވެސް އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިއަހަަރަށް ފާސްކޮށްދިން ބަޖެޓުން މި ސަރުކާރުން ޚަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިންކަން ޔަގީން ކުރުމަށްޓަކާ ސަޕްލިމެންޓްރީ ބަޖެޓާއި ހަމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު އެނގުމަކީ، ރައްޔިތުންގެ މަޖިލިހުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މުހިންމު ކަމެއް ކަމުގައެވެ.

އެއިން އެއްވެސް ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، އާޒިމް ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގާނޫނާ ޚިލާފަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއްޖެނަމަ އެކަން ވެގެންދާނީ ނުރަގަޅު އާދައެއް ފެށި، އެކަން ތަކުރާރުވާން ހުޅުވޭ ދޮރަކަށް ކަމުގައެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް މިއަދަށް އެޖެންޑާ ކުރެވުނު ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ބޭއްވިފައި ނުވެއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްވެސް މިމަހުގެ ތެރޭގައި މަޖިލިހަށް ހުށަހަޅާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *