ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކީ ސަބަބުތަކެއް މެދުވެރިނުވެ ދިން ހަމަލާއެއް ނޫން ކަމަށް ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވުމާ ގުޅިގެން އިޒްރޭލުގެ ޑިޕްލޮމެޓުން ރުޅިވެރިކަމާ އެކު އޭނާއަށް ރައްދު ދީފިއެވެ.
މިގޮތުން ގުޓަރޭސްގެ ވާހަކަތަކަށް ރައްދު ދެމުން އިސްރާއީލުން، އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ގުޓެރޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ "ގުޓަރޭސް އުޅުއްވަނީ ކޮން ދުނިޔެއެއްގަތޯ؟" ސުވާލު ކުރައްވާފައެވެ.
ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކީ ސަބަބުތަކެއް މެދުވެރިނުވެ އަމާޒުވެފައިވާ ހަމަލާތަކެއް ނޫންކަމަށް ވިދާޅުވަމުން ގުޓަރޭސް ވިދާޅުވެފައިވާއިރު، ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުންދޭ ހަަމލާތަކުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އދ.ގެ އެންމެ އިސްވެރިޔާ ވިދާޅުވީ ޣައްޒާއިން ފެންނަމުންދާ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފުޢަމަލުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ.
އޭގެ އިތުރުން އެންޓޯނިއޯ ގުޓަރޭޒް ވަނީ އާންމުން "އިންސާނީ އައްޑަނަ" އެއްގެ ގޮތުގައި ބޭނުންކުރުމާއި (ހަމާސްއިން އިސްރާއީލުގެ ރައްޔިތުން ރަހީނުކުރުން)، އިސްރާއީލުން ޣައްޒާގެ ދެކުނުން މީހުން ހުސްކުރުމަށް އެންގިއެންގުމާއި އަދި އެސަރަހައްދަސް ބޮން އެޅުންވެސް ކުށްވެރިކުރައްވާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވާއިރު، މިހާތަށް މިހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 5،800 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި މަރުވެފައިވަނީ އެގައުމުގެ 1،400 މީހުންނެވެ.
ކޮމެންޓު ފޮނުވާ