ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ޣައްޒާގެ 700 މީހުން ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެއް ދުވަސް ތެރޭގައި "ނިރުބަވެރިންގެ" 400 ޓާގެޓަކަށް ހަމަލާދީ، ހަމާސްގެ ކޮމާންޑަރުން ޝަހީދުކޮށްލާފައިވާނެ ކަމަށެވެ. އަދި އިސްރާއީލްގެ ދެ މީހަކު ދޫކޮށްލި ނަމަވެސް ހަމަލާތައް މަދު ނުކުރާނެ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ. އިސްރާއީލުން މިގޮތަށް ބުނި ކަމުގައި ވިޔަސް، އިސްރާއީލްގެ ހަމަލާތަކުގައި ގިނަ އިން ޝަހީދުވެގެން ދަނީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ކުށެއް ނެތް އާންމު ރައްޔިތުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު ވަރަށް ގިނައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ޣައްޒާގެ ހާލަތު ވަރަށް ގޯހެވެ. އެގޮތުން ކަރަންޓު ލިބުން ދަތިވުމާއި ބޭސް ލިބުން ދަތިވުމާއި ސްޓާފުން މަދުވުމުގެ ސަބަބުން ހޮސްޕިޓަލްތަކުން ދެމުން އަންނަ ހިދުމަތްތައް ދަނީ ހުއްޓުމަކަށް އަންނަމުންނެެވެ. އަދި ޣައްޒާ އިން ސާފު ފެން ލިބުން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައިގަނެ، ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިސްރާއީލުން 1،400 މީހުން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ބުނާ ގޮތުން ނަމަ، ހަމާސް އިން ވަނީ 222 މީހުން ހައްޔަރުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ފަލަަސްތީނުގެ ޣައްޒާ އިން 5،800 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ރޭގައި އެކަނި ވެސް ވަނީ ޣައްޒާގެ އެތައް ސަތޭކަ ތަނަކަށް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ޝަހީދުވި ބައެއް މީހުންނަކީ އިސްރާއީލްގެ އުތުރުގެ ސަރަހައްދުގައި ތިބެފައި ދެކުނުގެ ސިޓީތައް ކަމަށްވާ ރަފާހް އާއި ކާން ޔޫނިސް ފަދަ ސިޓީތަކަށް ދިޔަ މީހުންނެވެ.
ރޭގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގައި ދިރިއުޅޭ އެއް އާއިލާގެ 13 މެމްބަރުން ހިމެނެއެވެ. އެމީހުން ޝަހީދުވީ، މީހުން ދިރިއުޅޭ އިމާރާތެއްގައި ތިއްބައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ހާން ޔޫނުސްގެ އާބާދީ މިހާރު ވަނީ 400،000 އިން 1.2 މިލިއަނަށް އަރައިފައެވެ.
"އަހަރުމެން ތިބީ ނިދަން. ތިއްބާ ބާރުގަދަ ގޮވުމެއް ގޮވައި، އާއިލާގެ ހުރިހާ އެންމެން ޝަހީދުވީ،" ސަލާމަތްވި މީހަކު ކިޔައި ދިނެވެ.
އޭގެ ފަހުން ވެސް ހާން ޔޫނުސްގެ އަމާލް ސަރަހައްދަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 20 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުން މިފަހަރު ވެސް ހަމަލާ ދީފައި ވަނީ އާންމުން ދިރިއުޅޭ އިމާރާތަކަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަކީ ހަނގުރާމައިގައި އެންމެ އަނިޔާވެރި 24 ގަޑިއިރެވެ. އެގޮތުން ހަމަލާތަކުގައި 704 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެ މީހުންގެ ތެރޭގައި 305 ކުޑަކުދިންނާއި 173 އަންހެނުންނާއި 78 އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
މިއާ އެކު، އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 5،791 އަށް އަރައިފައެވެ.
ކޮމެންޓު ފޮނުވާ