ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި ގުޅޭގޮތުން ލިބިފައިވަނީ 65 ޝަކުވާއެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި، އިންތިޚާބުކުރާ މެމްބަރުންގެ އަދަދު 93 އަށް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ އާބާދީއަށް އައިސްފައިވާ ނިސްބަތުން އިންތިޚާބީ ދާއިރާތައް އިތުރުވެފައިވާތީއެވެ.
އިލެކްޝަނުން ކޮމިޝަނުން މިއަދު ބުނެފައިވަނީ އިންތިޚާބީ ދާއިރާތައް އެކަށައަޅާފައިވާ ގޮތާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން 65 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އެންމެ ގިނައިން ލިބިފައިވަނީ އަލަށް އުފައްދަން ނިންމާފައިވާ އައްޑޫ ފޭދޫ އުތުރު ދާއިރާއާއި ގުޅޭ ޝަކުވާތައް ކަމަށެވެ. އެ ދާއިރާއާއި ގުޅޭ 44 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
އޭގެ އިތުރުން ޝަކުވާ ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި މާލޭގެ ދެ ދާއިރާއަކާ އައްޑޫގެ ބައެއް ދާއިރާތަކުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ދާއިރާތައް ހިމެނޭކަމަށްވެސް އީސީއިން ބުނެފައި ވެއެވެ. އަދި ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅޭގޮތުން ނިންމާންޖެހޭ ކަންކަން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާނެކަމަށްވެސް އީސީއިން ބުނެފައި ވެއެވެ.
އިންތިހާބީ ދާއިރާތަކުގެ ގާނޫނުގައި ވާގޮތުން، އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އާބާދީ އަށް ބެލުމަށް ފަހު އެވެ. މިގޮތުން ކޮންމެ މަޖިލިސް އިންތިހާބެއްގައިވެސް އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ