އިންސާނީ ހައްގު ހިމާޔަތްކުރަނީ މިސަރުކާރުގެ ކޮލިޝަންގައި ކެކުރި ބަހާ އުސޫލުންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުގައި ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސަޢީދު ވިދާޅުވީ، މި ކޯލިޝަން ސަރުކާރުގައި އިންސާނީ ހައްޤު ހިމާޔަތްކުރަނީ ކެކުރި ބަހާ އުސޫލުން، ޚިޔާނާތުގެ މުލުން ޢިއްޒަތުގެ ޑީލްގައި ކަމަށެވެ. ސަޢީދު ވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި ހުއްގުން ޖަލުގައި ހުންނެވިކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
Insaanee haggu himaayai kuranee coalition gai (kekuri) bahaa usoolun. Hiyaanaathuge mulun izzathuga deal ga. RY ah insaafu nulibi nuhaggun jaluga. @ibusolih @hrcmv #HumanRightsDay2020 pic.twitter.com/ZeV8fU7Lfl
— Mohamed Saeed (@em_saeed) December 10, 2020
ސައީދު މިހެން ވިދޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އައު ދެ ދައުވާއާއި ގުޅިގެން، ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުންދާކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ