މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރުމަށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޖް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ކަމާއި ގުޅުންހުރި ގާނޫނުތަކާއި ޚިލާފަށްކަމަށް މަޖިލިހުގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މަޖިލިހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނެނީ، ރިކަރަންޓް ހަރަދަށް ހޭދަވާނެކަމަށް ލަފާކުރާ 3.1 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގެ ރައީސަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލިހަށް މިހާރު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނަން މާލިއްޔަތު ގާނޫނުން ލާޒިމްކުރާ، ފާއިތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ޚަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.
އޭގެ އިތުރުންވެސް، ދައުލަތުގެ މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށްވެސް އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަދި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިއަހަަރަށް ފާސްކޮށްދިން ބަޖެޓުން މި ސަރުކާރުން ޚަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިންކަން ޔަގީން ކުރުމަށްޓަކާ ސަޕްލިމެންޓްރީ ބަޖެޓާއި ހަމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު އެނގުމަކީ، ރައްޔިތުންގެ މަޖިލިހުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މުހިންމު ކަމެއް ކަމުގައެވެ.
އެއިން އެއްވެސް ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، އާޒިމް ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގާނޫނާ ޚިލާފަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއްޖެނަމަ އެކަން ވެގެންދާނީ ނުރަގަޅު އާދައެއް ފެށި، އެކަން ތަކުރާރުވާން ހުޅުވޭ ދޮރަކަށް ކަމުގައެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް މިއަދަށް އެޖެންޑާ ކުރެވުނު ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ބޭއްވިފައި ނުވެއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްވެސް މިމަހުގެ ތެރޭގައި މަޖިލިހަށް ހުށަހަޅާނެއެވެ.