ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ޖުމުހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" (މޯލްޑިވްސް މިލިޓަރީ ޕާޓީ)ގެ ނަންބޯޑެއް ހަރުކޮށްގެން މަޖިލިހުގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލައިގެ ސީސީޓީވީ ފޫޓޭޖު ގެއްލިގެން ކޮމިޓީގައި މައްސަލަ ކުރިޔަށް ނުގެންދެވުނެވެ.
މީކަން ހިގާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން، 2021ވަނަ އަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހުއެވެ. މިމައްސަލަށް ސުލޫކީ ކޮމިޓީއަށް ހުށަހެޅުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމަށްފަހު ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވަނީ މިއަދުއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ހާދިސާ ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ، މިމައްސަލައާއި ގުޅޭ ސީސީޓީވީ ފޫޓޭޖް މިހާރު ނެތްކަމަށް ޑިފެންސް މިނިސްޓްރީން އަންގާފައިވާ ކަމުގައެވެ.
މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާ ތާރީޚާއި އަދި ސީސީޓީވީ ފޫޓޭޖު ހޯދުމަށް އެދިފައިވާ ތާރީޚުތަކަށް ބަލާއިރު، މިމައްސަލައިގެ ރެކޯޑު ގެއްލިގެންދާނެހާ ދުވަސް ފާއިތުވެއްޖެކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ސީސީޓީވީ ފޫޓޭޖު ރައްކާ ކޮށްފައި ބަހައްޓާ މުއްދަތެއް އެގެން ބޭނުންވާ ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަހަރު ސީސީޓީވީ ފޫޓޭޖް ހޯދުމަށް އެދުނީ ރައްޔިތުންގެ މަޖިލިހުގައި ނަންބޯޑެއް ހަރުކޮށްގެން ކަމުގައިވި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި މެމްބަރަކަށް ނުވަތަ މަޖިލިހުގެ އިދާރާގެ މުވައްޒަފަކަށް ކަމެއް ދިމާވެގެން ސީސީޓީވީ ފޫޓޭޖް ނުގެއްލޭނެކަން ޔަގީންވާނީ މިފަހަރުގެ ސީސީޓީވީ ފޫޓޭޖަށް ދިވާމި މައްސައަށް ހައްލެއް ހޯދިގެން ކަމުގައެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ސީސީޓީވީ ފޫޓޭޖް ގެއްލުމުގައި ބައެއްގެ އިހުމާލު އޮތްކަން އެނގޭ ކަމަށާއި އެއީ ބަލަންޖެހޭ މައްސަލައެއް ކަމުގައެވެ.
އެގޮތުން އޭނާވަނީ މިމައްސަލައާއި ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ޑިފެންސް ފޯސްގެ ބޭފުޅުންގެ އިތުރުން މިމައްސަލާގައި ޖަވާބުދާރީވާންޖެހޭ ހުރިހާ ފަރާތްތަކެއް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް އޭނާގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމާ މިއަދުގެ ބައްދަލުވުން ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ މިމައްސަލާގައި ގޮތް ނިންމާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމުގައެވެ.
ކޮމެންޓު ފޮނުވާ