ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަމުންދާ އިމާރާތަށް ވަދެ ބަލާ ފާސްކުރި ކުރުމުގައި ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ހިންގާންޖެހޭ ޖިނާއީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދިފައިވާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އިއްޔެ، އެފްއޭއެމް ހިންގާ އިމާރާތަށް ވަދެ ބަލާ ފާސްކޮށްފައިވަނީ އެ އެސޯސިއޭޝަންއިން ހިންގާފައިވާ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ޕީޖީގެ އަމުރަކަށެވެ.
ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެފްއޭއެމްގެ އިމާރާތް ބަލާ ފާސްކުރުމަށްފަހު، ތަހުގީގަށް ބޭނުންވާ، މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އަދި ފުލުހުން މިހާރު ކުރަމުންދާ މަސައްކަތަކީ އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތްތައް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ކަމުގެ މައުލޫމާތު އެނގިހުރި ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން އެއްއޭއެމްގެ އިމާރާތަށްވަދެ ބަލާ ފާސްކޮށްފައިވަނީ އެ އެސޯސިއޭޝަންއަށް ރާއްޖެއިން ބޭރުން ލިބޭ މާލީ އެހީގެ ބޭނުން ނަމަހަމަ ގޮތުގައި ކުރާކަމުގެ ތުހުމަތުގައެވެ.
އެފްއޭއެމްގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، އެފްއޭއެމްގެ މާލީ ގިނަމައްސަލަތަކެއް ހުރިކަން ކުޅިވަރުގެ ދާއިރާގެ އިސް ބޭފުޅުންވެސް ފާހަގަކުރައްވައެވެ. ޚާއްޞަކޮށް މާލީ ޙާލަތު ދަށްވެ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭކަމަށް އެތަނުގެ ބައެއް މުވައްޒަފުން ފާހަގަކުރެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ، ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ.