ޓްރާންސިޝަން ކޮމިޓީތަކުން ބައެއް އޮފީސްތަކަށް ވަނީމަ، މައުލޫމާތު ނުދޭން ގަދަ ހެދި: ޝިޔާމް

ޓްރާންސިޝަން ކޮމިޓީތަކުން ބައެއް އޮފީސްތަކަށް ވަނީމަ، މައުލޫމާތު ނުދޭން ގަދަ ހެދި: ޝިޔާމް

ގުޅުންހުރި

ޓްރާންސިޝަން ކޮމިޓީތަކުން މައުލޫމާތު ހޯދަން ބައެއް އޮފީސްތަކަށް ވަނުމުން މައުލޫމާތު ނުދޭން ގަދަ ހެދި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު މަޖިލިހުގައި ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ޝިޔާމް ވިދާޅުވީ ޓްރާންސިޝަން މުއްދަތު ތެރޭގައި ޓްރާންސިޝަން ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި ކުންފުނިތަކަށް މައުލޫމާތު ހޯދުމަށް ދިޔުމުން ބައެެއް މުއައްސަސާތަކުން އެއްބާރުލުން ނުދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު، ޓްރާންސިޝަން ކޮމިޓީތަކަށް ފުރިހަމަ އެއްބާރުލުން ދޭ މުއައްސަސާތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޓްރާންސިޝަން ކޮމިޓީތަކުން އޮފީސްތަކަށް ވަނީމާ ވެސް ގަދަ ހަދަނީ ނުދޭން ބައެއް އޮފީސްތަކުން. ބައެއް އޮފީސްތަކުން އަޅުގަނޑު ހަމަ ފާހަގަކުރަން، ވަރަށް އެއްބާރުލުން އެބަ ދެއްވާ. ބައެއް އިދާރާ ތަކުން ވަރަަށް އެބަ ގަދަ ހަދާ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ގަދަ ހަދާ ތަންތަނުން މި ފެންނަނީ ތިލަފުށި ތަންތަނަށް ލިޔެކިޔުންތައް ގެންގޮސް ކޮންކްރީޓް ގަށާ މެޝިނަށް އަޅައިގެން ބައެއް ކަހަލަ ކަރުދާސްތައް އަންދާ ތަނެވެ. އެގޮތަށް މިކަންކަން ނުކުރުމަށް ޝިޔާމް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"މިއީ ތަހުޒީބު މުޖްތަމައުއެއްގައި ކަންކަން ހިނގަން ޖެހޭނެ ގޮތެއް ނޫން،" ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކަމަށް ބުނާ ލިޔުންތަކެއް ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ ކަމަށާއި އެކަމަކީ ރާއްޖޭގެ ތާރީހުން ދައްކާ ހަގީގަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ﷲ އިރާދަފުޅުން ދިވެހި ރައްޔިތުން މި ފުރުސަތު އަނެއްކާވެސް މިއޮތީ ޕީޕީއެމް/ޕީއެންސީއަށް ދެއްވާފައި. އަޅުގަނޑުމެން ސަރުކާރުގައިވެސް އަޅުގަނޑުމެންވެސް ހަނދާންކުރަން ޖެހޭ މިކަންކަން. ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ، އެކަމަކީ ރާއްޖޭގެ ތާރީހުންވެސް ދައްކާ ހަގީގަތް. އަޅުގަނޑުމެންގެ އަޒުމަކީވެސް އަދި އަޅުގަނޑުމެންގެ އިންތިޚާބީ ރައީސްގެ ވައުދަކީވެސް އަދި އެމަނިކުފާނުގެ އަޒުމަކީވެސް ދިވެހި ރައްޔިތުން އެދޭ އަމާޒަށް އަމާނާތްތެރިކަމާއެކީގައި ޒައާމަތެއް ފުރިހަމަ ކުރުން." ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ