މިސަރުކާރުގެ ނޫ އިޤްތިޞާދު ވަނީ ދެފެންދޭތެރޭ: ސަޢީދު

މިސަރުކާރުގެ ނޫ އިޤްތިޞާދު ވަނީ ދެފެންދޭތެރޭ: ސަޢީދު

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2020 12:53
0

މަސްވެރިންގެ ވަޢުދުތައް ނުފުއްދި މިސަރުކާރުގެ ނޫ އިޤްތިޞާދުގެ ސިޔާސަތު ވަނީ ދެފެންދޭތެރޭކަމަށް ކުރީގެ އިޤްތިޞާދާބެހޭ ވަޒީރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައި، ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މަސްވެރިންނަށް ހުރި ދަތިތަކާއި މައްސަލަތައް ހައްލުކޮށްދިނުމަށް ފައިސާ ހިމެނުމުގެ ބަދަލުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ބަޖެޓް އިންތިހާއަށް އިތުރުކޮށްފައިވާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ވީ ވަޢުދުތަކާއިގެންގުޅު ސިޔާސަތު ހިމެނޭ ނޫ އިޤްތިޞާދު ވަނީ ވަޢުދު ނުފުއްދި ދެފެންދޭތެރޭކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

2021 ބަޖެޓްގައި މަސްވެރިންގެ ދަތިތައް ފިލުވުމަށް ފައިސާ ނުދީ، ހޯމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ބަންޑާރަ ނާއިބުގެ އޮފީހާއި، ފޮރިން މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފަދަ ތަންތަން އާމްދަނީ ރަނގަޅު އަހަރަކަށްވުރެ ބޮޑު ބަޖެޓެއް،300 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓްގައި ޖެހިއިރު، ނޫ އިޤްތިޞާދު ވަނީ ދެފެންދޭތެރޭ. ގާތްގަނޑަކަށް އެންމެ 13 މިލިއަން ޑޮލަރު.

– ރައީސުލްޖުމްހޫރިއްޔާ ޓެގްކުރައްވާ ސަޢީދު ކުރެއްވި ޓްވީޓްގައިވެއެވެ.

އެއްހާސް ޓަނުގެ މަސް ބާނައިގެން މަސްނުކިރުވި އެތައް މަސްދޯންޏެއް މަސްކިރޭނެ ގޮތެއް ނެތްކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ސަޢީދު ވިދާޅުވީ، އިންސާނީ ހައްގުތަކަށް އިހުމާޅުވުމުގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްކަމަށާއި، ދައުލަތުގެ އެންމެ މަތީ ފަންތިން އެކަމަށް އިހުމާލުވެފައިވާކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރި ނޫ އިގްތިސާދުގެ ވަޢުދަކީ، އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން އިސްކަން ދިނުމާިއ، މަސްވެރިކަމާއި އެނޫންވެސް ކަނޑުގެ ދިރުންތަކާއި ގުޅުންހުރި ދާއިރާތައް ކުރިއެރުވުމެވެ. ނަމަވެސް މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން ވީ ވަޢުދު ނުފުއްދި އިޤްތިޞާދަށް އައި ހީނަރުކަމާއެކު މަސްވެރިކަން އިތުރަށް ހީނަރުވެފައިވާކަމަށް ބުނެ ގިނަ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.