ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކާއި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ޕްރިންސް ތުރުކީ އަލް ފައިސަލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ހުސްޓަން ޔުނިވަސިޓީގައި ދެއްވި ތަގުރީރެއްގައި ސައުދީގެ ޕްރިންސް ވިދާޅުވީ ހަމާސް އާއި އިސްރާއީލަކީ ބަތަލުންގެ ދަރަޖަ ދެވިގެންވާނެ ބައެއް ނޫންކަމަށާއި ދެބައިމީހުންގެ އަމަލުތަކުގެ ޝިކާރަކަށް ވެފައިވަނީ އާންމު ނިކަމެތި ރައްޔިތުން ކަމަށެވެ.
ހަނގުރާމާގައި އެއްވެސް ހާލެއްގައި އާންމު ރައްޔިތުންނަށް ގެއްލުން ނުދިނުމަށާއި ހަމަލާތައް ނުދިނުމަށް ބާރުއަޅާފައިވާ އިރު، ހަމާސްއިން ރަހީނުކުރި ގިނަ މީހުންނަކީ ވެސް އިސްރާއީލުގެ އާންމު ރައްޔިތުން ކަމަށާއި މިއީ މުޅިން އިސްލާމީ އުސޫލުތަކާ ހިލާފު އަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ ތަންތަނަށް އަމާޒުކޮށް ބޮންއަޅަމުންދާ ކަމަށާއި ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން ކުޑަކުދިންނާ އަންހެނުންވެސް ހިމެނޭނެހެން ތަފާތުކުރުމެއް ނެތި ކުށެއްނެތް އެތައް ބަޔަކު އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިއީކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ތަގްރީރުގައި ސައުދީގެ ޕްރިންސް ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް އެ ހިސޯރުކުރުމާ ދެކޮޅުހަދައި ތެދުވުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ.
ހުޅަނގު ގައުމުތަކުން ރޮނީ ހަނގުރާމައިގައި އިސްރާއީލްގެ މީހަކު މަރުވުމުން ކަމަށާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު ޝަހީދުވަމުން ދާއިރު އެ މަންޒަރު ނުފެންނަ ވަރަށް އެމީހުން "ކަނުވެފައި" ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ