މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ޑިމޮކްރެޓްސްއިން ވާދަ ކުރަނީ

މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ޑިމޮކްރެޓްސްއިން ވާދަ ކުރަނީ

Author
ހުސެއިން
22 އޮކްޓޯބަރ 2023 05:20
0

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި، ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް ޕާޓީން ނިންމައިފިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ މައި އޮފީސް ހ.މައިޒާންދޮށުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް އެޕާޓީގެ ވަގުތީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް މަދުކުރުމަށްވެސް އެޕާޓީން މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ، ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، މަޖިލިސް އިންތިޚާބުކުރާ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާޙު ހުށަހަޅުއްވާފައެވެ.

މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެން ނަމަވެސް އެއަށް ވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް، އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ވެސް އެހެން ތަންތަނުގައި ވެސް ކުރަމުން ގެންދިއުން.

މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވިއެވެ.

މަޖިލީހަށް އަންނަ ދައުރުގައި އިންތިޚާބުކުރާ 93 ދާއިރާއަށްވެސް ވާދަކުރުމަށް ނިންމުމުގެ އިތުރުން އެޕާޓީން ހުށަހަޅާ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތް ފެށުމަށްވެސް މިއަދު އެޕާޓީންވަނީ ނިންމާފައެވެ. މި އެޖެންޑާ އެކުލެވިގެންވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގެންނަން ބަދަލުތަކާއި އަލަށް ހަދާނެ ގާނޫނުތަކުގެ މައްޗަށެވެ.

ދަޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކު، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.