އޯ.އައި.ސީ. އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުން މި ދަނޑިވަޅުގައި އޯ.އައި.ސީގެ މަޤުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ އިސްރާޢީލުން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ބޭއްވި އޯއައިސީގެ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ.
މި ބައްދަލުވުމުގައި ޚަލީލް ވަނީ އެބައްދަލުވުން ބޭއްވުމަށް ހުށަހެޅުއްވިކަމަށްޓަކައި އިސްލާމިކް ސަމިޓާއި އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައި ހުންނެވި ސަޢުދީ އަރަބިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.މި ބައްދަލުވުމަށް ލިބުނު ތަރުހީބަކީ އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކުން ފަލަސްޠީނުގެ މައްސަލައަށްދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭކަމެއްކަން ޚަލީލް ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވަނީ، ކުޑަކުދިން ހިމެނޭހެން މަޢުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓާތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކަށް ދެމުންދާ ހަމަލާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ވިދާޅުވީ، އިސްރޭލުގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްކަމަށެވެ.
އިސްރޭލުގެ ލާއިސްސާނީ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރައްހަދުގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ޚަލީލް ވިދާޅުވިއެވެ. އަދި އޯ.އައި.ސީ. އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުން މި ދަނޑިވަޅުގައި އޯ.އައި.ސީގެ މަޤުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޚަލީލް ވަނީ ފާހަގަކުރައްވާފައެެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ޚަލީލް ވަނީ ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއާ ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ޚަލީލް ވަނީ ބައިނަލްއަޤްވާމީ ޤާނޫނީ އިމުގެ ތެރެއިން ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ފަލަސްޠީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު އެންމެހައި ދިވެހި ރައްޔިތުން ހިތާމަކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.
ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން މިންޖުވެ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުޢާކޮށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެ ދެމި ތިބޭނެކަމުގައިވެސް ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ފަލަސްޠީނަކީ 1967ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މަތީގައި އިރުމަތީ ގުދުސް އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މުސްތަޤިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެންކަމަށްވެސް ޜާއްޖޭގެ ފަރާތުން ޚަލީލް ވަނީ ވިދާޅުވެފައެވެ.